14 Aug 2014, 19:22
ނަވާރަ އަހަރަށްފަހު އިނގިރޭސި ލީގްކަޕް (ކެޕިޓަލްވަން ކަޕް)ގެ ދެވަނަބުރުގައި ވާދަކުރަން މެންޗެސްޓާ ޔުނައިޓެޑަށް ޖެހިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ލީގް ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ވާދަކޮށްފައި ވަނީ 1995 ވަނަ އަހަރުގައި ޔޯކްއާ ދެކޮޅަށެވެ. އެމެޗުން 4-3 މެންޗެސްޓާ ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ. އެ މެޗުގައި މަޝްހޫރު ޑޭވިޑް ބެކަމް އާއި ޕޯލް ސްކޯލްސް ފަދަ ކުޅުންތެރިން ކުޅެފައި ވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހެނީ ފުރަތަމަ ލީގުގައި ވާދަކުރަމުންދާ މިލްޓަން ކީނަސް ޑޮންސްއާ އެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފަވަނީ މެކްޑޮންސްގެ ސްޓޭޑިއަމް އެމްކޭގައެވެ.
މިދިޔަ ސީޒަންގައި އެ މުބާރާތުގެ ރަނަރަޕް ކަން ހޯދި ސަންޑަލޭންޑް ވާދަކުރާނީ 2011 ވަނަ އަހަރުގެ ޗެންޕިއަން ބާމިންގްހަމްއާއެވެ. މިބުރުގައި ލީގުގައި ވާދަކުރާ ސައުތުހެންޕްޓަން ނުކުންނާނީ މިލްވޯލްއާ ދެކޮޅަށެވެ. ވެސްޓްހަމް މިބުރުގައި ޝެފީލްޑް ޔުނައިޓެޑާ ވާދަކުރާއިރު އެސްޓަން ވިލާ ނުކުންނާނީ ލޭޓަން އޮރިއެންޓްއާ ދެކޮޅަށެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން މެންޗެސްޓާ ޔުނައިޓެޑް އެންމެފަހުން ހޯދީ 2010 ވަނަ އަހަރުއެވެ. މުބާރާތުގެ މި ބުރުގައި ޕްރިމިއާ ލީގްގެ މިދިޔަ ސީޒަންގެ ގަދަ ފަސް ޓީމުގެ ތެރެއިން އެއްވެސް ޓީމެއް ވާދަކުރާކަށް ނުޖެހޭނެ އެވެ. ހަމައެހެންމެ އެ މުބާރާތުގެ ދެވަނަ ބުރުގައި ޕްރްމިއާ ލީގްގައި ވާދަކުރާ ޓީމަކާ ލީގްގައި ހިމެނޭ އެއްވެސް ޓީމެއް ވާދަކުރަން ނުޖެހެއެވެ.
ޗެންޕިއަންކަން ހޯދާޓީމަށް ޔޫރޮޕާ ލީގުން ޖާގަލިބޭ މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅެނީ މިމަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހުއެވެ.