14 Aug 2014, 18:32
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ގާނޫނަކަށް ވުމަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެކައުންސިލްގެ ހަ މެމްބަރެއްގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވާ ގަރާރެއްގައި ބުނެފައި ވަނީ އެސްއީޒެޑްގެ ބިލް ގާނޫނަކަށް ވެ، އެގާނޫނަށް އަމަލުކުރަން ފެށުމުން އެކައުންސިލްގެ އިހުތިސާސްތައް ގެއްލިގެން ދާނެ ކަމަށް ދެކޭ ކަމަށެވެ.
"...ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލް ގާނޫނަކަށްވެ، އެގާނޫނަށް އަމަލުކުރަން ފެށުމުން މިކައުންސިލްގެ އިހުތިސާސް ގެއްލިގެން ދިއުމުގެ އިތުރުން ކާމަރުކަޒީ ނިޒާމު އެކުގައި ފުނޑުފުނޑުވެ، ކޮރަޕްޝަނަށް މަގުފަހިވާ ބޮޑެތި އަމަލުތަކަށް ދޮރުހުޅުވިގެން ދިޔުމުގެ ކަންބޮޑުވުން މިކައުންސިލުން ފާޅުކުރަމެވެ،" ސިޓީކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ވެއެވެ.
ގަރާރުގައި އަދި ބުނެފައި ވަނީ ގާނޫނު ފަރުމާކޮށްފައި ވަނީ ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށާއި އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ފޯރާ ގޮތަކަށް ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ލާމަރުކަޒީ މަފުހޫމާ އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.