14 Aug 2014, 18:12
ޔޫރަޕްގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ނުޖެހޭ ކަމަށާއި އަސްލު ރޮނާލްޑޯއަށް ވެސް އެ މުބާރާތް ކާމިޔާބު ނުކުރެވޭ ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ފޯވަޑް ފްރާންސް، ނެދަލޭންޑްސް އިޓަލީ އަދި ސްޕެއިންގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، އޭނާއަށް ޗެމްޕިއަންސް ލީގުގެ ތައްޓެއް ލިބިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް އިބްްރަހިމޮވިޗަށް އަމާޒުވި ނަމަވެސް، އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ ބްރެޒިލްގެ ކުރީގެ ލެޖެންޑް ރޮނާލްޑޯ އެވެ.
"ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވެޔޭ ކިޔަސް އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވޭ،'" 'އީއެސްޕީއެން' އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ. "މީހަކު ކުރިއަރައިގެން ދާ ނަމަ، މީހުން އަބަދުވެސް މަސައްކަތް ކުރާނީ ކުރިއަރައިގެން ދާ މީހާއަށް ފާޑުކިޔުމަށް ކަންތައްތަކެއް ހޯދަން. އަސްުލު ރޮނާލްޑޯއަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވޭ. އޭނާއާ މެދު ވެސް މީހުން އެ ސުވާލު އުފެއްދި،"
އޭނާ ބުނީ، ޑިއޭގޯ މަރަޑޯނާއަށް ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުނަސް، އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނާނެ ކަމަށެވެ. އަދި ކެރިޔަރު ނިންމާލުމުގެ ކުރިން ސްވިޑަން ތަރިއަށް ޗެމްޕިއަންސް ލީގު ނުލިބިއްޖެ ނަމަވެސް އޭނާ ހުންނާނީ އުފަލުގައި ކަމަށް ވެސް އިބްރަހިމޮވިޗް ބުންޏެވެ.
"އަހަރެން ބޭނުންވާ ވަރަށް ކާމިޔާބީ ލިބިއްޖެ. އަހަރެންނަށް ޖުމްލަ 23 ތަށި ކާމިޔާބު ކުރެވިއްޖެ. ކާމިޔާބީ ހޯދުމަށް އަހަރެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިން. ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރުމަކީ އުފާވެރި ކަމަކަށް ވާނެ. އަހަރެން ދެކެނީ، އެ މުބާރާތް ވެސް އަހަރެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް،" އޭނާ ބުންޏެވެ.