14 Aug 2014, 17:38
ތަޖުރިބާއާއި ތަމްރީނު ހޯދުމަށް އެމެރިކާގެ ސިއަޓަލް އަށް ފުރުމަށް ހަމަޖެހިފައިވާ ދެ މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ބައްދަލުކުރައްވައިފި އެވެ.
ތަމްރީނު ހޯދުމަށް އެމެރިކާއަށްދާ ދެ މަސްވެރިންނަކީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ދިވެހި މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން މާކެޔޮޅުން ނުވަތަ މާސްޓާ ފިޝަމަނުން ތަމްރީންކުރުމަށް ހިންގި ފުރަތަމަ ބުރުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ މަސްވެރިއެކެވެ.
މިނިސްޓަރު ޝައިނީ ވަނީ އެ ދެ މީހުންނާ ބައްދަލުކުރައްވައި އެ ދެ މީހުންނަށް މަރުޙަބާ ދަންނަވައި ހިތްވަރުދެއްވައިފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިފަދަ ދަތުރުތަކުގެ މަގްސަދަކީ ދެފަރާތުންވެސް ތަޖުރިބާ ބަދަލުކުރުންކަމަށާއި އެހެންކަމުން މި ދަތުރުން ލިބޭ މައުލޫމާތުތައް ފުރިހަމައަށް ލިޔެ ރައްކާކޮށް، ކަންކަން އޮޅުންފިލުވައި މައުލޫމާތު ލިބިގަތުމަށް އިސްވެ މަސައްކަތްކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި ދިވެހިންގެ ރިވެތި އަޚްލާގާއި، އުސޫލުތަކުގެ ނަމޫނާ މިފަދަ ދަތުރުތަކުގައިވެސް ބޭރުގެ މީހުންނަށް ދެއްކެވުމަށް ވެސް ޑރ. ޝައިނީ އެދިވަޑައިގަތެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލ. ގަމާއި ދ. މީދޫއަށް ނިސްބަތްވާ މި ދެ މަސްވެރިން އެމެރިކާގެ ސިއަޓްލްގައި އޮގަސްޓް 15 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހޭދަކުރާނެ ކަމަށެވެ. އެގޮތުން 10 ދުވަހުގެ މަސްވެރިކަމުގެ ދެ ދަތުރެއްގައި އަމަލީގޮތުން ބައިވެރިވެ އެމެރިކާގައި ދޮށީގެ މަސްވެރިކަން ކުރަމުން އަންނަގޮތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އޮޑިމަތީގައި މަސްގެންގުޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މަސްވެރިކަމާއިގުޅޭ އެހެނިހެން ކަންކަމުގެ އަމަލީ ތަޖުރިބާ ލިބިގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ ދަތުރަކީ ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާއި ދެމެދު ރާއްޖޭގެ ދޮށީގެ މަސްވެރިކަން މާކެޓްކޮށް ކުރިއެރުވުމަށް ސޮއިކޮށްފައިވާ އެމްއޯޔޫ ގެ ދަށުން، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ އިސްނެގުމާއެކު އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންއިން ސޮޕޮންސާ ކޮށްގެން އެމެރިކަން އަލްބަކޯ އެސޯސިއޭޝަނާއި ޔޫއެސް ޕޯލް އެންޑް ޓްރޯލް އަލްބަކޯ ފިޝަރީއާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމްކެވެ.
އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އަންނަނީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނާ ގުޅިގެން ރާއްޖައި ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓްކޮށް މަސްވެރިން އެކަމަށް އަހުލުވެރިކޮށް ތަމްރީންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދެމެހެއްޓެނި މަސްވެރިކަން ތަރައްގީކުރުމަށް ބާރުއެޅުމުގެ ގޮތުން ދިވެހި މަސްވެރިންނަށް ދުނިޔޭގެ ތަފާތު މަސްވެރިކަމާގުޅޭ ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ގޮތުން ހިންގަމުންދާ މި ޕްރޮގްރާމްގެ ދަށުން އިތުރު ދެ މަސްވެރިއަކު މި އަހަރުގެ ތެރޭގައި ސްޕެއިންއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.