14 Aug 2014, 17:03
ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި މާލެފިޔަވައި އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި، ޖޭއެސްސީއަށް ވަކީލުން އިންތިޚާބު ކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) އަކީ ބާތިލް މާއްދާއެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ މާލެފިޔަވައި އެހެންރަށެއްގައި ވޯޓުލާ ގޮތަށް ހަމަޖެއްސޭނީ އެ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚު އިއުލާން ކުރާތާ ހަތަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް ވަކީލަކު އެރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
މީގެއިތުރުން މާލެފިޔަވައި އެހެންރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައި މި މަހުގެ ތިން ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ކުރި އިއުލާން ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.
".... އަދި މީގެކުރީ ފަހަރުތަކުގައި ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިޚާބު ކުރާ ގާނޫނީ ވަކީލު އިންތިޚާބު ކުރުމުގައި އަމަލުކޮށްފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ ޚިލާފުނުވާނޭ ގޮތުގެ މަތިން އިޖުރާއަތު ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.