14 Aug 2014, 16:12
ޖަމިއްޔާތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މައްސަލައިގައި އެޓާނީ ޖެނެރަލް އަހުމަދު އަނިލް އާއި ހޯމް މިނިސްޓްރީގެ ހިޔާލުތަފާތުވެއްޖެ އެވެ.
ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ބިލެއްގެ މަސައްކަތް ރާއްޖޭގެ ޖަމިއްޔާއެއްކަމަށް ވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)އިން އަންނަނީ ޔޫއެންޑީޕީއާ ގުޅިގެން ކުރަމުންނެވެ. އެ ކަމަށް ބޭއްވި މަހާސިންތާއެއް ނިންމުމަށް ސޯލްޓް ރެސްޓޯރެންޓްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް އަހުމަދު އަނިލް ވިދާޅުވީ ޓީއެމް އިން އެކުލަވައިލާ ބިލް އޭޖީއަށް ސަރުކާރަށް ހަދިޔާ ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށެވެ. އަދި އެބިލަށް އިތުރު ކޮންސަލްޓޭޝަން ހޯއްދެވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"...އަޅުގަނޑުމެން މިކަމަށް ޓަކައި ހަމަ ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ޝުކުރު ދަންނަވަން. އެ ބޭފުޅުން ހަމަ ވަރަށް ޖެނެރަސްލީ އެދިވަޑައިގެންފައި ނުވަތަ ހަށަހަޅުއްވާފައި އޮތީ މިމަސައްކަތުގެ ތެރެއިން ތައްޔާރުކުރެވޭ ބިލު ސަރުކާރަށް ހަދިޔާކުރައްވާނެ ކަމަށް. އަޅުގަނޑުމެން ވެސް އޮންނާނީ ޔަގީންކަން އަރުވާފައި އެ ބިލަށް ހިންގަން ޖެހޭ އިތުރު ކޮންސަލްޓޭޝަނެއް ހިންގަން އޮތިއްޔާ ހިންގުމަށް ފަހު މަޖިލީހަށް ހުށަހަޅާނެ ކަމުގެ،"އަންގާރަ ދުވަހު ޓީއެމް އިން ބޭއްވި ރަސްމިއްޔާތުގައި އޭޖީ ވިދާޅުވި އެވެ.
ނަމަވެސް ބިލް ޑްރާފްޓް ކުރުމަކީ ޓްރާންސްޕޭރެންސީ ޓީއެމް އަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ހޯމް މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހުށަހެޅުމަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"...ޖަމިއްޔާތަކާ ބެހޭ ކަންތައްތައް ބެލެހެއްޓުމާއި ، ޖަމިއްޔާތަކާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުމާއި ގަވައިދު ހެދުމަކީ މިމިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއަކުން ޖަމިއްޔާތަކާ ބެހޭ ގާނޫނު ހެދުމުގެ މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް މި މިނިސްޓްރީއަށް ނުފެންނާތީ މިވާހަކަ ދެންނެވީމެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.