ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ދުވަހުގެ މުނާސަބަތާއި ގުޅިގެން ތަފާތު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިޖްތިމާއީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބިނާ ކުރުމަށް ނިންމާފައިވާ އެ މިސްކިތަކީ ރާއްޖޭގައި މިހާރު ބިނާ ކުރާ މިސްކިތްތަކާ ތަފާތު މިސްކިތެއް ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށާއި މިސްކިތް ބިނާކުރުމަށް ތުރުކީގެ އިސްލާމީ ކަންތައްތަކާ ބެހޭ ކައުންސިލާ މަޝްވަރާ ކުރަމުންދާ ކަމަށް ޝަހީމު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މިސްކިތަށް ހަރަދުވާނެ އަދަދަކާއި މަސައްކަތް ފެށޭނެ ދުވަހެއް ދަންނަވަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެކަމަށް ފައިސާ ހޯދާނީ އިސްލާމީ ދުނިޔޭގެ މުއައްސަސާތަކުންނާއި ގައުމުތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މިސްކިތް ވާނީ ރާއްޖޭގައި މިހާރު ބިނާ ކުރާ މިސްކިތްތަކާ ތަފާތު މިސްކިތެއް. އެ މިސްކިތް ވެގެންދާނީ ތުރުކީގެ މިސްކިތްތަކާއި ވައްތަރު މިސްކިތަކަށް. އެ މިސްކިތައް ވެގެންދާނީ ރާއްޖޭގެ މިނިވަންކަމާ އިސްލާމީ ޝަހްޝިއްޔަތަކަށް. ހާއްސަކޮށް އެކަމަކީ ރައީސް ޔާމީންގެ ވެރިކަމުގެ ރަމްޒަކަށް ހެދުމަށް މަސައްކަތްކުރާނަން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމު ވިދާޅުވީ، ރާއްޖޭގައި ހުރި އާސާރީ މިސްކިތްތައް ހަލާކުވަމުންދާތީ އެތަންތަން ބެލެހުއްޓުމާއި ރައްކާތެރިކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ އިސްލާމީ ކަންތައްތަކާއި ބެހޭ އިދާރާއާ އެކު އެކަމާ ގުޅިގެން ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ފަސް ރަށެއްގައި ހުރި ފަސް އާސާރީ ފަސް މިސްކިތެއް މަރާމާތުކުރުމަށް އިންޑިއާގެ އެމްބަސީއާ ގުޅިގެން އެގައުމުގެ ވަފުދަކާއި އެކު ރާއްޖޭގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.