ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މިނިވަން ދުވަހަކީ މިހާތަނަށް ގައުމީ ފެންވަރުގައި ބޭއްވޭ އެންމެ ކުލަގަދަ ހަރަކާތަށް ހެދުމަށް ހިޔާލު ހޯދަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަންތައްތައް ކުރުމަށް ހަމަޖައްސާފައި ވަނީ ވީހާ ވެސް ގިނަ ބައެއްގެ ހިޔާލާ އެކުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދުވަހުގެ ކަންކަން ރޭވުމަށް މިހާރު ކަނޑައަޅާފައިވާ ކޮމިޓީން އިންތިޒާމްކޮށްގެން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދުމުގެ ފޯރަމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީިހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު އަންނަ އަހަރު ފުރޭއިރު ވީހާވެސް ފުޅާ ދާއިރާއެއްގައި އެކަންތައްތައް އެންމެގެ ހިޔާލު ވެސް ހޯދައިގެން އަހަރު ދުވަހަށް ދެމިގެންދާ ހަރަކާތްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

"އެ ދުވަހުގެ ހަރަކާތްތައް ބޭއްވި ގެންދާނީ މިހާތަނަށް ގައުމީ ފެންވަރެއްގައި ރާއްޖޭގައި އެއްވެސްް ކަމެއް ނުބާއްވާހާ ފުޅާ ދާއިރާއެއްގައި، އެކަންތައްތައް ބައިނަލް އަގުވާމީ ސަމާލުކަން ކަމަށް ގެނެވި، ރާއްޖޭގެ ނަން ބައިނަލް އަގުވާމީ ދުނިޔޭގައި ވަރަށް ބޮޑަށް ވިދާލާނެ،" އޭނާ ވިދާޅުވި އެވެ.

މޮންދު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއަށް ބޭރުގެ ބޮޑެތި އިއްޒަތްތެރިން ޒިޔާރަތް ކުރާނެ އަހަރެއް ކަމުގައިވެގެންދާނެ ކަމަށެވެ.