14 Aug 2014, 15:35
ހަތަރުވަނަ ކެރަމް ވޯލްޑްކަޕް މިފަހަރު ރާއްޖޭގައި ބާއްވަން ނިންމައި އެ މުބާރާތުގެ މެއިން ސްޕޮންސާއަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
އެސްޓީއޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސްޕޮންސާގެ އެގްރީމެންޓްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ކެރަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު މުބީން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މުބީން ވިދާޅުވީ އެފަދަ މުބާރާތެއްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު އެ އެސޯސިއޭޝަންގެ ހުރިހާ ކަމެއްގެ މެއިން ސްޕޮންސާއަކަށް އެސްޓީއޯ އިން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މިއީ ވޯލްޑްކަޕެއް ރާއްޖޭގައި ބާއްވަން ނިންމި ފުރަތަމަ ފަހަރެވެ.
އޭނާ ވިދާޅުވީ އަންނަ މަހު 13 އިން 17 އަށް ރާއްޖޭގައި އެ މުބާރާތް ބާއްވަން ހަމަޖައްސާފައިވާ އިރު މިހާތަނަށް އެ މުބާރާތުގައި ބައިވެރިވުމަށް ވަރަށް ގިނަ ގައުމުތަކުން ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިތުރުން އެމެރިކާ އާއި ކެނެޑާ އާއި އިޓަލީ އާއި ފްރާންސް އާއި ޖަރުމަނާއި ޕޮލޭންޑާއި ސްވިޒަލޭންޑާއި އިނގިރޭސިވިލާތާއި ދެކުނުު ކޮރެއާ އާއި ޖަޕާނާއި މެލޭޝިއާ އާއި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން އެ މުބާރާތުގައި ބައިވެރިވުމަށް އެދިފައިވާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ ވޯލްޑްކަޕް މުބާރާތަކަށް އެސްޓީއޯ ހަމަޖެހިގެން ދިއުމަކީ އެސްޓީއޯއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެފަދަ މުބާރާތްތައް ރާއްޖޭގައި ބާއްވާނަމަ ރާއްޖެ ބޮޑަށް އިޝްތިހާރުވެ ވަސީލަތްތައް އިތުރުވެގެން ދާނެ ކަމަށެވެ.
ކެރަމް ވޯލްޑް ކަޕެއް އެންމެ ފަހުން ބާއްވާފައި ވަނީ އެމެރިކާގައެވެ. އެފަހަރުގެ މުބާރާތުގައި ދުނިޔޭގެ 19 ޓީމަކުން ވާދަކޮށްފައިވާއިރު، ރާއްޖެއިން ވަނީ މުބާރާތުގެ ތިން ވަނަ މަގާމް ހޯދައިފައެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ކުޅޭއިރު އެ މުބާރާތް ބާއްވަނީ ސަން އައިލެންޑް ރިސޯޓްގަ އެވެ.