14 Aug 2014, 15:19
ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫގެ މުއްދަތު މިއަހަރަށް ހަމަވިޔަސް، އެ ރަށުގެ މުއްދަތު އިތުރު ނުކުރަން ސަރުކާރުން ނިންމައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ވިލާ އަށް ކުއްޔަށް ދީފައިވާ އެ ރަށުގެ އެއްބަސްވުން އުވާލީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އެއްވެސް މަސައްކަތްތަކެއް އެ ރަށުގައި ކުރިއަށް ނުގެންދާ ކަމަށް ބުނެ އެވެ. އެ ރަށް ކުއްޔައްދީފައިވާ އެއްބަސްވުން އުވާލައި ބަރެސްދޫ ސަރުކާރަށް ނަގާފައިވާކަމުގެ ނޯޓިސް ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އަންގާފައިކަން ވެސް ވަނީ އެނގިފަ އެވެ.
ލ. ބަރެސްދޫއަކީ ސަރުކާރުން ޓޫރިޒަމް ޑިވެލޮޕްކުރުމަށް ނިންމާފައިވާ ރަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ބަރެސްދޫ ކުއްޔަން ދިނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖުލައި 4، 1994 ގަ އެވެ. އެ ރަށް 20 އަހަރަށް ކުއްޔަން ދީފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ މިދިޔަ ޖުލައި މަހުގައި ހަމަވެފަ އެވެ.
ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ ޝިޕިން އަތުން ބަރެސްދޫ އަތުލިއިރު، 50 އަހަރަށް ވިލާ އެއާއަށް ކުއްޔަން ދީފައިވާ ގދ. ކާޑެއްދޫ ވެސް މިއަދު ވަނީ ސަރުކާރަށް ވަނީ ނަގާފަ އެވެ.