15 Jan 2011, 22:53
ހަމައެކަނި މާލޭގައި ހުންނަވައިގެން ރާއްޖޭގެ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. އަތޮޅަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި ރ. ފައިނަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ވެރިކަން ހިންގަވަން ބޭނުންފުޅުވަނީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ފައިނުގައި ބަނދަރު ހަދާ ނިންމުމަށް ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ ކަމަށާއި، ބަނދަރު ހެދުމަށް ހަވާލުކުރެވިފައިވާ ކުންފުނިން ދާދި އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން، ފައިނުގެ ބިން ހެޔޮ ގޮތުގައި ބޭނުން ހިފުމަށް ސަރުކާރުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހާމަކުރައްވަމުން، ރައީސް ވިދާޅުވީ މެދު އަދި ކުދިފަންތީގެ ފަތުރުވެރިކަމަށް ރާއްޖޭގެ ރަށްތައް ހުޅުވާލުމުގެ އެންމެ ބޮޑު އެއްބޭނުމަކީ، ފައިނު ފަދަ ބިން ބޮޑެތި ރަށްރަށުގެ ބިން އިތުރަށް ބޭނުންކުރެވޭނެ ގޮތްގޮތް ހޯއްދަވައިދެއްވުން ކަމަށެެވެ.
ރައީސް ނަޝީދު ފައިނަށް ވަޑައި ގަތުމުން ރައީސް އޮފީހުން ބުނެފައި ވަނީ މިއީ، ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ފައިނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.