14 Aug 2014, 14:51
އިލެކްޝަންސް ކޮމިޝަނުންގައި މިހާރު ތިއްބެވި ދެ މެމްބަރެއްގެ ދައުރު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވައިލައިފި އެވެ.
ރައީސް އޮފީހުން ބުނީ އީސީގައި މިހާރު ތިއްބެވި ދެ މެމްބަރުން ކަަމުގައިވާ އަލީ މުހައްމަދު މަނިކާއި މުހައްމަދު ފާރޫގުގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާތީވެ އެ ދެ މަގާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަލީ މުހައްމަދު މަނިކު އާއި މުހައްމަދު ފާރޫގުގެ އިތުރުން އެކޮމިޝަންގައި އިންނަވާ މެމްބަރަކީ އިސްމާއިލް ހަބީބު އެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ޖުލައި މަހު އީސީގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އެ ކޮމިޝަނަށް އިސްމާއީލް ހަބީބު އައްޔަން ކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މީގެއިތުރުން އެކޮމިޝަންގައި މިހާރު ހުސްވެފައިވާ އިތުރު ދެ މަގާމަށް ކުރިމަތިލާން އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަންފުޅު ރުހުން ހޯދުމަށް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައިފަ އެވެ.
އެ ބޭފުޅުންނަކީ ހުޅުމާލެ އެންދެރި ހަތެއް އަހްމަދު ސުލައިމާނާއި މ. ވޭވަށު ބުލްބުލާގޭ މުޙައްމަދު ޝަކީލާއި، އދ. ދެކުނުބުރީ މަހިބަދޫ ސަނޯރާމާގޭ ފާޠިމަތު މުނާއާއި، ދަފްތަރު ނަންބަރު 1548 މުޙައްމަދު ޒާހިދެވެ. މިނަންފުޅުތަކަކީ، ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކެވެ.
އެ ދެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ފަޔާޒްގެ މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެގޮތަށް ސްޕްރީމް ކޯޓުން ހުކުމް ކުރީ އެ ކޯޓުގެ ނިންމުންތަކަށް އެ ދެ ބޭފުޅުން ފާޑު ވިދާޅުވެ އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަަމަށް ބުނެއެވެ.