ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އެ ޑިޕާޓްމަންޓުގައި ކަމަށެވެ.

އެ އިންތިޚާބުގައި ވާދަކުރައް ވަނީ ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނާއި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރާއި ޑްރަގް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ މުހައްމަދު އީސާ ފުޅާއި ޒުބައިރު މުހައްމަދެވެ.

އެ އިންތިޚާބު ބާއްވަން އެންމެ ފަހުން ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީޚުގައި އިންތިޚާބު ނުބާއްވައި ފަސްކޮށްފައި ވަނީ ރޯދަ މަސް ނިމެންދެން އިންތިޚާބު ފަސްކޮށްދިނުމަށް ގިނައަދަދެއްގެ ފަނޑިޔާރުން އެދިވަޑައިގަތުމުންނެވެ.