ވޮލީ ބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޒަންގައި އިއްޔެ ކުޅުނު މެޗްތަކުން ސްޕޯޓްސް ކްލަބް ގުޑީސް އާއި ސްޕޯޓްސް ކްލަބް ސިޓީ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް ގްޑީސްއިން ކާމިޔާބު ކުރީ ޔޫތް ސްޕޯޓްސް ކުލަބާއި ވާދަކޮށް ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ގްޑީސް އިން ކާމިޔާބު ކުރީ 25-12، 25-18 އިނެވެ. ނަމަވެސް މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ޔޫތް ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ 25-23، 25-22 އިންނެވެ. އަދި މެޗުގެ އެންމެ ފަހު ސެޓް ގްޑީސް އިން ކާމިޔާބު ކުރީ 15-11 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތް ސްޕޯޓްސް ކުލަބްގެ ހަސަން އާމިރެވެ.

މިމުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް ސިޓީން އިން ކާމިޔާބުކުރީ ކުލަބް ވިޗެންޒާއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިޓީން ކާމިޔާބު ކުރީ 25-19 25-19 އަދި 25-10 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީގެ އަހުމަދު ފާޒިލެވެ.

ޖުމްލަ ހަ ޓީމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓިމާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގާ ކަށަވަރު ވާނީ ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާ އެކު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސިފައިންގެ ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް ކުަބާއި ސްޕޯޓްސް ކުލަބް ސިޓީ އެވެ.