ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ފްރޭންކް ރިބެރީ ގައުމީޓީމަށް 10 އަހަރު ވަންދެން ކުޅުމަށްފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރިބެރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއްޔެ ވަނީ ފްރާންސްގައި ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއުލާން ކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު މީޑިއާތަކަށް ރިބެރީ އިއްޔެ ދިން އިންޓަވިއުގައި ބުނެފައި ވަނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ގައުމީ ޓީމަށް ކާމިޔާބީ ހޯދާދިނުމެ ފަހަތުގައި އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރިބެރީ ބުންޏެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން މޮޅެތި ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން. އަހަރެން ފުޓްބޯޅައިގެ އާއިލާއިން ވައްކެއް ނުވަން. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ގައުމީ ޓީމާއެކު އަބަދުވެސް ހުންނާނަން." ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރެއްގެ މަތިން ހޯދި އުމުރުން 31 އަހަރުގެ ރިބެރީ ބުންޏެވެ.

ފްރާންސް ގައުމީ ޓީމަށް ރިބެރީ ކުޅުން ހުއްޓާލިއިރު، އޭނަވަނީ ޖުމްލަ 81 މެޗް ގައުމީ ޓީމާއެކު ކުޅެ، 16 ގޯލު ގައުމީ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.