14 Aug 2014, 13:11
ޖުމްލަ ހަ ގައުމަކުން ވާދަކުރާ ބައިނަލްއަގްވާމީ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ވެޓަރެންސް ޓީމް ރޭ އިންޑިއާގެ ޗެންނާއީއަށް ފުރައިފި އެވެ.
މުބާރާތުގައި ވާދަކުރުމަށް ރޭ ފުރީ ރާއްޖެ ޓީމުގައި ހިމެނެނީ ނިމިގެންދިޔަ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށް ދިޔަ ވެޓެރަންސް ކަޕްގައި ފާހަގަކުރެވުނު 16 ކުޅުންތެރިއަކާ ހަތަރު އޮފިޝަލުންނެވެ.
ރާއްޖެއާއެކު މުބާރާތުގައި ވާދަކުރާ ހަ ގައުމަކީ އިންޑިއާ، އިންޑޮނޭޝިޔާ، ބުރުނާއީ، ސިންގަޕޫރު އަދި މެލޭޝިޔާ އެވެ.
ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ އެ މުބާރާތް ކުރިއަށް ގެންދަނީ އިންޑިޔާގެ ޔުނައިޓެޑް ވެޓަރަންސް ސްޕޯޓްސް އިން އިންތިޒާމްކޮށްގެންނެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ސޮކަ ވެޓަރަންސް ސޯސިއޭޝަނުގެ މެމްބަރު އަދި އެންމެ ފަހުން ކުޅެވުނު ކޮކާކޯލާ ވެޓެރަންސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ޝަމީމް އެވެ.