14 Aug 2014, 13:09
މެންޗެސްޓާ ޔުނައިޓެޑުގެ އާ ކެޕްޓަނަކަށް އެޓީމަށް ކުޅެމުން އަންނަ އިގިރޭސިވިލާތުގެ ބައިނަލް އަގްވާމީ ފުޓުބޯޅަ ކުޅުންތެރިޔާ ވޭން ރޫނީ ހަމަޖައްސައިފިއެވެ.
ރޫނީ ކެޕްޓަނަކަށް ހަމަޖެއްސިކަން އިއުލާން ކޮށްފައި ވަނީ މެންޗެސްޓާގެ އޯލްޑްޓެރެފޯޓްގައި ވެލެންސިޔާއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން މެންޗެސްޓާ މޮޅިވިމެޗަށް ފަހުގައެވެ. ރޫނީ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ސީޒަންގައި އެ ޓީމުގެ ކެޕްޓަނަކަށް ހުރި ނިމެންޖާ ވިޑިޗް އިޓަލީގެ އިންޓަމިލާނަށް ބަދަލުވުމާ ގުޅިގެންނެވެ. ހަމައެހެންމެ މި ސީޒަންގެ ކެޕްޓަންކަން ލިބޭނެ ކަމަށް އުންމީދު ކުރި އެއްކުޅުންތެރިޔާ، ޕެޓްރިކް އެވްރާ ވެސް ވަނީ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައެވެ.
ފާއިތުވި ސީޒަންތަކުގައި ރުނީ ވަނީ ތަފާތު އެކި މެޗްތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗު ވެންހާލް ބުނެފައިވަނީ އެ ޓީމްގެ ކެޕްޓަނަކަށް ރޫނީ ހަމަޖެއްސުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރޫނީގެ ހުނަރުތައް ވެންހާލް ދައްކާލާ މޮޅު ހުނަރުތަކާ އެއްގޮތް ކަމަށާއި އެކަން ފަރިތަކުރުންތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރުނީ މެންޗެސްޓާ ޔުނެއިޓެޑާ ގުޅުނީ އެވަޓަން އިން 27 މިލިއަން ޕައުންޑަށް 2004 ވަނަ އަހަރުއެވެ. އެއަށްފަހު މެންޗެސްޓާގެ ފުރަތަމަ އެގާރައިގެ ސްކޮޑުން ރޫނީ އަންނަނީ ޖާގަ ހޯދަމުންނެވެ. އޭނާ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދާ ފުރަތަމަ މެޗަށް ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސްވެންސީ ސިޓީއާ ދެކޮޅަށް މިމަހުގެ 16 ވަނަ ދުވަހު ކުޅޭމެޗެވެ.