14 Aug 2014, 12:58
އައްޑޫ ސިޓީގެ ހިތަދޫ މުގުރިގޭ މުހައްމަދު ސަޢީދުގެ އުމުރުން މިހާރު 74 އަހަރެވެ. އިންޑިއާގެ ރައްޔިތެއްގެ ގޮތުގައި އެގައުމުގެ އަންދުރަ ޕްރަދޭޝްއާއި ތެލަންގާނާގެ ވެރިރަށް ހައިދަރު އާބާދުގައި ދިރިއުޅުނަސް އޭނާ އަކީ ކުރިން ދިވެއްސެކެވެ. އުމުރުން އެންމެ 13 އަހަރުގައި އާއިލާއަށް އޭނާ ގެއްލުނުތާ މިހާރު 60 އަހަރު ވެއްޖެ އެވެ. ސައީދުގެ އާއިލާގެ މެމްބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި އެކަކު ކަމަށްވާ އައްޑޫ ސިޓީގެ ހިތަދޫ އަލްމާސް ޒާހިރާ އިބުރާހީމް ދީދީ ބުނީ ބޮޑުބޭބެ އިންޑިއާއަށް ފިލީ ކިޔެވުމަށް ކަމަށެވެ.
"...ބައްޕަ [ސައީދުގެ އެއްބަނޑު އެއްބަފާ ބޭބެ އިބްރާހިމް ދީދީ] ބުނެފައި ވޭ ބޮޑުބޭބޭ ފިލީ ކިޔަވަން ދާން ވެގެންނޭ ކިޔާފައޭ. ކިޔަވަންދާން ވެގެން ފިލަން އެއް ފަހަރު މަސައްކަތް ކުރި ކަމަށް ބުނެފައި ވަނީ. އޮޑީގައި އިނދެފައި ފައިބައިގެން ދިޔައިމާ ފުރަތަމަ ފަހަރު ހޯދައިގެން ގެނެސް އޮޑިއަށްލީ. އަނެއްކާ ވެސް ފިލީ. ދެވަނަ ފަހަރަށް ފިލިފަހުން ދެން ނުފެނުނީ،" ޒާހިރާ ބުންޏެވެ.

ސައީދު ދުނިޔޭގައި ހުރިކަން ރާއްޖޭގައި ތިބި އޭނާގެ އާއިލާގެ މެމްބަރުންނަށް އެނގުނީ ރާއްޖެއައި އިންޑިއާ މީހެއްގެ ފަރާތުންނެވެ. އެހިސާބުން އޭނާގެ އޭގެ ތެރެއިން ބައެއް މީހުން ގޮސް މިހާރު ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ހުރީ ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އަންނަން ތައްޔާރަށެވެ. އަދި އަންނަ އަލްހާ އީދުގެ ދުވަސްވަރު ރާއްޖެއަށް އައުމަށް އޭނާ މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ފިލައިގެން ސައީދު އުޅުނު ގޮތާ ބެހޭ ގޮތުން އާއިލާގެ މެމްބަރުންނަށް ކިޔައިދީފައިވާ ގޮތުގައި އޭނާ އޮޑިން ފިލުމަށް ފަހު ފުރަތަމަ ދިޔައީ ސްރީލަންކާއަށެވެ. އަދި އެގައުމުގައި ދުވަސްކޮޅަކު އުޅުމަށް ފަހު ދެން ދިޔައީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށެވެ. އަދި އޭގެ ފަހުން ހައިދަރު އާބާދަށް ބަދަލުވިއެވެ. އޭނާގެ ޒަވާޒީ ހަޔާތް ފެށީ އެރަށުގައެވެ. މިހާރު ސައީދުގެ ފަސް ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ނަމަވެސް އިންޑިއާގެ ރައްޔިތަކަށް ސައީދު ބަދަލުވީ ދާދިފަހުންނެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ގެ ދުބާއީގައި ވަޒަންވެރިވެގެން އުޅޭ އޭނާގެ ދެ ކުދިންނަށް ޒިޔާރަތް ކުރުމަށް އިންޑިއާއިން ބޭރަށް ދަތުރުކުރަން ޖެހުމުންނެވެ.
އުމުރުން 13 އަހަރުގައި ކިޔަވަން ބޭނުންވެގެން ފިލައިގެން ދިޔަ ސައީދަށް މިހާރު ކިޔަނީ ހަބީބު އިބުރާހީމެވެ. ކުޑަކުއްޖެއްގެ ގޮތުގައި ކިޔަވަން ފިލި މީހަކަށް ވާތީ އޭނާގެ ތައުލީމީ ގޮތުން މިހާރު ހުރީ ކިހާ ހިސާބަކަށް ގޮސްފައި ކަން އެނގޭތޯ އަހައިލުމުން ޒާހިރާ ބުނީ އަދި އެކަން އެހާ ރަނގަޅަށް އޮޅުން ނުފިލާ ކަމަށެވެ.
"... އެކަމާ ބެހޭ ގޮތުން އަދި އެހާ ރަނގަޅަކަށް ވާހަކައެއް ނުދެއްކޭ. ހީވަނީ ބޮޑަށް ދީނީ ތައުލީމުހެން ހާސިލުކޮށްގެން ހުރީ،" ޒާހިރާ ބުންޏެވެ.