14 Aug 2014, 12:48
ފަންސާސް އަހަރަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ އެއާ އަތުން، އެއާޕޯޓް އަތުލައި އެއްބަސްވުން ބާތިލްކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން އުވާލީ އެ އެއާޕޯޓް ހިންގުމަށް ވިލާ އެއާއިން ވެފައިވާ އެއްބަސްވުމާ ހިލާފްވުމުނެވެ. އަދި މިއަދުގެ ވަގުތެއް ސަރުކާރުން ވަނީ ކާޑެއްދޫ އެއާޕޯޓް އަތުލާފައިވާކަން ވިލާ އެއާއަށް މިއަދު އަންގާފަ އެވެ.
ވިލާއެއާގެ މެނޭޖިންގެ ޑިރެކްޓަރު ރިޟްވާން ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، އެކުންފުނިގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުމަށް ނޯޓިސް ފޮނުވާފައިވަނީ ދެ މާއްދާއަކާއި ހިލާފުވެފައިވާ ކަމަށް ބުނެ ކަމަށެވެ. އެ ދެ މާއްދާއަކީ ފުލައިޓް ޖެއްސުމުގެ ސެކިއުރިޓީ ރަނގަޅު ކުރުމާއި ބައެއް އޮޑިޓްތައް ހަދައި ކަންކަން އިސްލާހު ކުރުމަށް ބާރުދޭ ދެ މާއްދާ ކަމަށް ރިލުވާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހީވަނީ ރަނގަޅު ނޫން ގޮތަކަށް ރަނގަޅު މައުލޫމާތެއް މިނިސްޓްރީއަށ ލިބިގެންނޭ އެގޮތަށް އެ ނިންމީ،" ރިލްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ވިސްނުން ހުރީ އެ ނޯޓިސް އުވާލުމުގެ ގޮތުން މިނިސްޓްރީ އާއި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓު ހިންގި ކުންފުނިން އެއްބަސްވުމާ ހިލާފުވުމުން، އެ އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް އިން ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާއެއާއާ ހަވާލު ކުރި ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު އެ އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީއަށް ވުރެ 40 މިލިއަން ރުފިޔާ އިތުރު ކަމަށެވެ.