ބްރޯޑްކާސްޓް ކުރާއިރު ފޮޓޯ އެކޮޅުކޮޅުން ނުޖެހުމަށް ދިއެފްއެމް ޕްލަސްއަށް އިންޒާރު ދީފައި ވަނިކޮށް، ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައި ވާތީ، އަނެއްކާ ވެސް އެ ސްޓޭޝަނަށް ކޮމިޝަނުން ނަސޭހަތްތެރި ވެއްޖެ އެވެ.

ބްރޯޑްކާސްޓް ކުރާއިރު ފޮޓޯ އެކޮޅުކޮޅުން ނުޖެހުމަށް ކޮމިޝަނުން ދިއެފްއެމް ޕްލަސްއަށް ނަސޭހަތްތެރިވި މިއީ ހަ ވަނަ ފަހަރެވެ.

ކޮމިޝަނުން އެގޮތަށް އަންގާފައި ވަނީ، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ފޮޓޯ އެކޮޅު ކޮޅުން ޖެހި މައްސަލާގައި ކޮމިޝަނުން ނިންމާފައިވާ ނިންމުން އަންގައި އެކަން ތަންފީޒު ކުރުމަށްޓަކައި މިއަދު ދިއެފްއެމް ޕްލަސްގެ ސީއީއޯ އިބްރާހިމް މަނިކު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު އެވެ.

ކޮމިޝަނަށް ޖަވާބުދާރީ ވުމަށްފަހު ދިއެފްއެމް ޕްލަސްގެ ސީއީއޯ ކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިބްރާހިމް މަނިކު (މަނިކުބެ) ވިދާޅުވީ، އޭނާގެ ސީއީއޯ ކަމުގެ ދަށުގައި މީހެއްގެ އަނބުރަށް އަރައިގަންނަފަދަ ކަމެއް ދިއެފްއެމް ޕްލަސް އިން ނުކުރާނެ ކަމަށް ކޮމިޝަނުގައި ބުނެފައިވާނެ ކަމަށެވެ.

"އަހަރެންގެ ސީއީއޯ ކަމުގެ ދަށުގައި އެފަދަ ކަމެއް ނުކުރާނަމޭ ބުނިން. އަދި މުވައްޒަފުންނަށް ވެސް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައި ވާނެ،" ދިއެފްއެމް ޕްލަސްގެ ސީއީއޯ ވިދާޅުވި އެވެ.

މީގެ އިތުރުން އެފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކޮމިޝަނުން ދީފައިވާ ކަމަށް މަނިކުބެ ވިދާޅުވި އެވެ.

ދިއެފްއެމް ޕްލަސްގެ ސީއީއޯ މިއަދު ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ، ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅީގައި ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދިއެފްއެމް ޕްލަސްއަށް އިންޒާރުދީފައި ވަނިކޮށް، މިއަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދިއެފްއެމް ޕްލަސް އަށް ނަސޭހަތްތެރިވެފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދިއެފްއެމް ޕްލަސް އިން ގެނެސްދިން ކޮންޓެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅުކޮޅުން ގެނެސްފައިވުމުން، އެފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭޕްރީލް މަހުގެ ތެރޭގައި ދީފައިވެ އެވެ.

އޭގެ ފަހުން، ހަމަ އެ މަހުގެ ތެރޭގައި އޭޑީކޭ ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ދިއެފްއެމް ޕްލަސްގެ ފޮޓޯ ބާއަށް އެރުވި މައްސަލައިގައި ވެސް ޖަވާބުދާރީ ވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް އަށް ވަނީ އަންގާފަ އެވެ.

ދިއެމްއެމް ޕްލަސްގެ ފޮޓޯ ގޮޅިއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ބައެއް ބޭފުޅުންގެ ފޮޓޯ އެރުވި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.