14 Aug 2014, 12:21
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރަމުން ދިޔަ އެ ރަށު ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މަރުގެ މައްސަލައާ ގުޅިގެން ޓެރަރިޒަމާއި ވައްކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް އެއް އަހަރު ފަހުން މިއަދު ބާއްވަން އުޅެ ނުބޭއްވި ކެންސަލްވެއްޖެ އެވެ.
ހުސޭނުބޭގެ މަރާ ގުޅިގެން ޓެރަރިޒަމާއި ވައްކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހޯރަފުށީ، އުންމީދީމަންޒިލް، އަހްމަދު އިބްރާހިމާއި ސޯސަންވިލާ، ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ އެ ރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ހެކިން ކޯޓަށް ހާޒިރު ނުކުރެވުމުން ކަމަށެވެ.
"ހެކިން ހާޒިރު ނުކުރެވުމުން އެ މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނަގާފައެވެ.
އެ މައްސަލައިގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއްވީ، އެ މައްސަލަބައްލަވާ ގާޒީ އަބްދުދުލް ބާރީ ޔޫސުފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑުކޮށްފައިވާތީ އެވެ.
އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލީ، ހުސޭނުބޭ މަރުވެފައި ވަނީ އެ މީހުން އޭނާ ރަހީނުކޮށްގެން އުޅެނިކޮށް ކަމަށް ބުނެ އެވެ. އަދި ވައްކަމުގެ ދައުވާ އުފުލާފައި ވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00ގައި ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ބުނެ އެވެ.