ޕިޔޮންގްޔަންގް : އިޤްތިސާދީ ގޮތުން ބާރުގަދަ ޤައުމަކަށް ވުމުގެ ދިހައަހަރުގެ ސްޓްރެޓީޖިކް ޕްލޭނެއް އުތުރުކޮރެޔާއިން އެކުލަވާލައިފިއެވެ. މިޕްލޭން ބިނާވެފައިވަނީ ޒަމާނީ ސިނާޢަތެއްގެ މައްޗަށް ބިނާވެފައިވާ ފުދުންތެރި އިޤްތިސާދެއް ދެކުނު ކޮރެޔާގައި ބިނާކުރުމުގެ މައްޗަށެވެ. މިޕްލޭން ތަންފީޒު ކުރުމަށްޓަކައި އުތުރުކޮރެޔާއިން ވަނީ އިޤްތިސާދީ ތަރައްޤީއާބެހޭ ޚާއްސަ އެޖެންސީއެއްވެސް އުފައްދާފައެވެ.

އުތުރުކޮރެޔާ މިހާރުގެންދަނީ އެޤައުމަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަ ޙައްލު ކުރުމަށްޓަކައި މަދަނީ ނިއުކްލިޔަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަގުހެޔޮކޮށް ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްވެސް ހިންގަމުންނެވެ. އުތުރުކޮރެޔާ އަލަށް އިޢްލާންކުރި އިޤްތިސާދީ ތަރައްޤީގެ ސްޓްރެޓީޖިކް މަޝްރޫޢަކީ ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެވެ. މިޕްލޭންގެ ދަށުން ތަރައްޤީ ކުރުމަށް އުތުރުކޮރެޔާ ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ޤައުމުގެ އިންފްރާސްޓްރަކްޗަރއާއި ދަނޑުވެރިކަމުގެ ސެކްޓަރ ޒަމާނާއެއްގޮތަށް ތަރައްޤީ ކުރުމާއި އެތަށްސަތޭކަ ފެކްޓްރީއެއް ބިނާކޮށް ސިނާޢަތާއި ހަކަތައިގެ ސެކްޓަރ ތަރައްޤީ ކުރުން ހިމެނެއެވެ.

އުތުރުކޮރެޔާގެ ލަނޑުދަނޑިއަކީ 2020 ވަނަ އަހަރާ ހަމައަށްދާއިރު އަވަށްޓެރި ދެކުނު ކޮރެޔާ ފަދަ އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ ޤައުމަކަށް ހެދުން ކަމަށް އެޤައުމުން ބުނެއެވެ. ނަމަވެސް ދެކުނު ކޮރެޔާއާ އަޅާބަލާއިރު އުތުރުކޮރެޔާވަނީ އިޤްތިސާދީ ގޮތުން ވަރަށް ދަށު ދަރަޖައެއްގައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2009 ވަނަ އަހަރު ދެކުނު ކޮރެޔާގެ ޤައުމީ އާމްދަނީއަކީ ގާތްގަނޑަކަށް އެއްޓްރިލިޔަން (އެއްހާސް ބިލިޔަން) އެމެރިކާ ޑޮލަރެވެ. އުތުރު ކޮރެޔާގެ ޤައުމީ އާމްދަނީއަކީ ގާތްގަނޑަކަށް 50 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް އުތުރުކޮރެޔާ މިހާރު ގެންގުޅޭ އެކަހެރިވުމުގެ ވިސްނުން ބަދަލުކޮށްގެން އިޤްތިސާދީ ވިސްނުމެއްގައި މަސައްކަތްކޮށްފިނަމަ ކުރިޔަށްއޮތް 10 ވަރަކަށް އަހަރު ތެރޭގައި އެޤައުމު މިހާރުއޮތް ހާލަތުން އަރައިގަނެވިދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.