14 Aug 2014, 12:21
ޓޫރިޒަމް ދާއިރާއަށް އެކިކަހަލަ މުދާ ސަޕްލައި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އަލަށް ބާއްވާ "ހޮޓެލް ސަޕްލައިސް އެކްސްޕޯ މޯލްޑިވުސް 2014" 67 ސްޓޯލާއެކު މިއަދު ހުޅުވައިފި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްގެންދާ އެ ފެއާ މިއަދު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެޗެލެންޖް ފެށުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އެފަދަ އެގްޒެބިޝަންތަކަކީ އިގްތިސާދަކަށް ވަރަށް މުހިންމު އެގްޒެބިޝަންތަކެއް ކަމަށާއި އެ ކަމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއް ބާރުލުން ދޭނެ ކަމަށެވެ.
އެ އިވެންޓް އިންތިޒާމްކުރާ ގޯ މީޑިއާއިން ބުނީ އެ އެފެއާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ދާއިރާއަށް މުދާ ގެނެސްދޭ ފަރާތްތަކުގެ އެކިއެކި ޕުރޮޑަކްޓްތައް އެއްތަނަކުން ފެންނާނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
ގޯ މީޑީއާއިން ބުނީ އެ އެކްސްޕޯގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 49 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގަިއ ހިމެނެނި ރާއްޖޭގެ 30 ކުންފުއްޏާއި ބޭރުގެ 15 ކުންފުއްޏެކެވެ. އަދި ޖުމުލަ 67 ސުޓޯލް އެއެކްސްޕޯގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފެއާގައި ބައިވެރިވާ ބޭރުގެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ދުބާއީ، ރަޝިއާ އަދި އަޔަލެންޑް ހިމެނޭ" ގޯ މީޑިއާއިން ބުންޏެވެ.
ހިލޭ ވަދެވޭ އެ ފެއާގައި ތަފާތު ސުޓޮލްތަކުގައި ތަފާތު ވައްތަރުގެ ތަކެތި ވަނީ ދައްކާލަން ބަހައްޓާފައެވެ.