14 Aug 2014, 12:11
ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުން ދިޔަ ރޮކެޓް ހަމަލާތަކުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޔަހޫދީ ޖަމާއަތްތަކުން ޔޫއެންގައި އެދިއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ޔަހޫދީންގެ މައިގަނޑު 11 ޖަމިއްޔާއެއްގެ މީހުން ހިމެނޭ ވަފުދެއް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ އަރިހަށް އިއްޔެ ދިޔަ ކަމަށެވެ. އަދި ހަމާސް ޖަމާއަތުން ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް އެ މީހުން ދެކޭ 19 ކަމަކަށް ޔޫއެން އިން އަޅައި ނުލައި ދޫކޮށްލި ކަމަށް ބުނެ އެމީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް ބުންޏެވެ.
ބާންކީމޫން އާ ބައްދަލުކުރި ޔަހޫދީން އެންމެ ބޮޑަށް އެދުނު ކަމަކީ ހަމާސް އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ މައްސަލަ އާއި ޔޫއެންގެ އިމާރާތްތަކެއްގައި ހަމާސް އިން ރޮކެޓް ގެންގުޅުނު ކަމަށް ބުނާ މައްސަލައެއް ބެލުމެވެ.
"...ޔުނައިޓެޑް ނޭޝަންސް އިން ހުށަހަޅާފައިވާ އެއް ފަރާތަކަށް ޖެހިފައިވާ ރިވާޔަތާ މެދު އަހަރެމެން މިތިބީ ވަރަށް ހިތްހަމަ ނުޖެހިފައި،" ބާންކީ މޫން އަރިހަށް ދިޔަ ޔަހޫދީ ޖަމާއަތްތަކުގެ ތެރެއިން ސިމޯން ވީސެންތަލް ސެންޓަރްގެ މަސްއޫލުވެރިޔާ ރަބިއްބީ މަރްވިން ހަޔަރް ބުނި ކަމަށް އޭޕީ ބުންޏެވެ.
ޔަހޫދީންގެ ކަންބޮޑުވުމާ ބެހޭ ގޮތުން ޔޫއެންގެ ތަރުޖަމާން ސްޓެފަނީ ޑުޖެރިކް ވިދާޅުވެފައި ވަނީ އިސްރާއީލުގެ ސަލަމާތާ މެދު އެގައުމުން ގެންގުޅޭ ގާނޫނީ ކަންބޮޑުވުން ބާންކީ މޫންއަށް ފުރިހަމައަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅުމުގައި އާއްމުން މަރުވިޔަ ނުދިނުމަށް ޓަކައި ކެތްތެރި ވުމަށް ބާން ބާރުއަޅުއްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ހިންގި އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިންވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.