ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިރޭ ޗައިނާއަށް ފަށްޓަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޗައިނާގެ ރައީސް ދެއްވި ހާއްސަ ދައުވަތަކަށް ރައީސް ޔާމިން މިރެ އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަށް ކުރައްވާ ދަތުރުފުޅަކީ ސަމާ އޮލިމްޕިކުސް ގޭމުސް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް "ސަން"އަށް މިއަދު ވިދާޅުވީ ރައީސްގެ އެ ދަތުރުފުޅަކީ "ދުނިޔޭގެ ގައުމުތަކުގެ ރައީސްއިންގެ ތެރެއިން މަދު ރައީސުންނަށް ދެއްވި ދައުވަތެއް" ކަމަށެވެ.

މުއާޒު ވިދާޅުވީ އެ ދަތުރުފުޅުގެ އެންމެ ބޮޑު އެއް ގަމުސަދަކީ ދެގައުމުގެ ރައީސްއިން ބައްދަލުކުރައްވާ އެކިއެކި ކަންކަމާއި މެދު މަޝްވަރާކުރެއްވުން ކަމަށެވެ. އެގޮތުން ޗައިނާގެ ބޮޑު ކުންފުނިތަކާއެކު ވިޔަފާރި މަޝްވަރާތައް ކުރެއްވޭނެކަމަށް މުއާޒް ވިދާޅުވި އެވެ.

"ދެބޭފުޅުންގެ ވާހަކަ ތަކުގެ ތެރޭގައި، ވިޔަފާރި ދާއިރާ އާއި ތަރައްގީގެ ބިޔަބޮޑު މަޝްރޫތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ" މުއާޒް ވިދާޅުވިއެވެ.

އެދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓާ މުހައްމަދު ސައީދު އާއި ޔޫތް މިނިސްޓާ މަލީހު ޖަމާލްގެ އިތުރުން ފޮރިން މިނިސްޓާ ދުންޔާ މައުމޫން އާއި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.