14 Aug 2014, 10:05
ގާހިރާ (އޮގަސްޓް 14) : އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ޙަމަލާތައް ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވެފައިވާ 72 ގަޑީއިރުގެ މުއްދަތު ހަމަވީއިރު ވެސް ޙަމަލާތައް ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް އައިސްފައި ނުވާތީ އަނެއްކާ ވެސް އިތުރު ފަސް ދުވަހަށް ޙަމަލާތައް މެދުކަނޑާލުމަށް ދެފަރާތުން އެއްބަސްވެއްޖެ އެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ އައްޒާމް އަލްއަޙްމަދު ވިދާޅުވީ އަނެއްކާ ވެސް އިތުރު ފަސް ދުވަހަށް ޙަމަލާތައް މެދުކަނޑާލުމަށް އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކުން ރޭ އެއްބަސްވެފައިވާ ކަމުގަ އެވެ. މިގޮތަށް އެއްބަސްވީ ޙަމަލާތައް ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް ޓަކައި މިސްރު މެދުވެރިއަކަށް ވެގެން ގާހިރާގައި ކުރިޔަށްދާ ވާހަކަތަކަށް އިތުރު ފުރްސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ފަލަސްތީނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ގާހިރާގައި ތިބި އިސްރާއީލާއި ފަލަސްތީނުގެ ވަފްދުން އިތުރު ފަސް ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ އެކަން ހަމަޖެހިފައިވާ ކަމަށާ އަދި މިފަސް ދުވަހަށް ހަމަލާތައް މެދުކަނޑާލުން ފެށޭނީ ރޭ ފަލަސްތީނުގެ ގަޑިން މެންދަމު 12 ޖެހުމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިތުރު ފަސް ދުވަހަށް ޙަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި މިއެއްބަސްވުމާދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެ އެވެ. ޙަމަލާތައް މެދުކަނޑާލުމަށް ކުރިން އެއްބަސްވި 72 ގަޑީއިރު ހަމަވުމަށް ފަހު އިސްރާއީލުން ރޭ ޣައްޒާއަށް ޙަމަލާތަކެއް ދީފައިވާ ކަމަށާ އަދި ފަލަސްތީނުގެ މުޖާހިދުންވެސް އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދީފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިޙަމަލާތައް ބަދަލުކޮށްފައި ވަނީ ރޭ ފަލަސްތީނުގެ ގަޑިން މެންދަމު 12 ޖެހުމުގެ ތަންކޮޅެއްކުރިން ނޫނީ 12 ޖެހިވަގުތުގައި ކަމަށް ޚަބަރުތައް ބުނެ އެވެ. އެއަށް ފަހު ޙަމަލާތައް ދިން ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ނުސީދާގޮތެއްގައި ގާހިރާގައި ކުރިޔަށްދާ ވާހަކަތައް ނަތީޖާއަކާ ހަމައަށް ގޮސްފައިނުވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދިޔުމުގެ ސަބަބުންނެވެ. އިސްރާއީލުގެ ދެކޮޅުހެދުންތަކާ ގުޅިގެން އައު ހުށަހެޅުމެއް މިސްރުން މިހާރު ހުށަހަޅާފައިވާ އިރު މިހުށަހެޅުން އިސްރާއީލުގެ ކޮޅަށް ބުރާވާތީ އެއަށް ބައެއް ބަދަލުތައް ގެނައުމަށް ފަލަސްތީނުގެ ވަފްދުން އެދޭކަމަށް އަލްޖަޒީރާ ބުނެ އެވެ. (އަލްޖަޒީރާ)