14 Aug 2014, 09:58
ތެހެރާން (އޮގަސްޓް 14) : އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ދައްކައިގެން އީރާނަށް ލިބޭނެ މޮޅެއްނޯންނާނެ ކަމަށާ އެމެރިކާއަކީ ގުޅުންތައް ބަދަހިކުރަން ރަނގަނޅު ގައުމެއްނޫން ކަމަށް ވިދާޅުވެ އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވާހަކަ ދައްކަވައިފި އެވެ.
ޚަމަނާއި ވިދާޅުވީ އީރާނުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދަނީ ނިއުކްލިޔާ ޕްރޮގްރާމާ ގުޅިގެން އެމެރިކާއާއި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލެވޭނެ ގޮތްތަކާބެހޭ ގޮތުން އެކަނި ކަމަށާ މިއީ ވެސް ހަގީގަތަށްބަލާއިރު ބޭކާރު ކަމެއް ކަމުގަ އެވެ. އީރާނަށް ޙަމަލާދޭނެ ކަމުގެ އިންޒާރުތައް އެތައް އަހަރެއްވަންދެން ދިނުމަށް ފަހު އީރާނާ ވާހަކަ ދެއްކުމަށް އިސްނަގާފައި ވަނީ އެމެރިކާ އިން ކަމަށާއި މިވާހަކަތަކުން އީރާނަށް މަންފާއެއް ކުރާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ޚަމަނާއި ވިދާޅުވި އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމާ ބެހޭ ގޮތުން އެމެރިކާއާ ވާހަކަ ދެއްކި ނަމަވެސް އެހެން މައްސަލަތަކާ ބެހޭ ގޮތުން އެމެރިކާއާ ވާހަކަ ދައްކަން އީރާން ބޭނުންނުވާ ކަމަށް ޚަމަނާއި ވިދާޅުވި އެވެ.
އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި މިމޭރުމުން ވާހަކަ ދައްކަވައި އެމެރިކާ އަށް ބަހުގެ ޙަމަލާތައް ދެއްވާފައިމި ވަނީ އެމެރިކާ އާއި އީރާނާ ދެމެދުގައިވާ އެކިއެކި ހުރަސްތައް ނައްތާލުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެ އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ބަޔާނެއް ދެއްވާފައިވަނިކޮށެވެ. ރޫޙާނީ ވިދާޅުވެފައި ވަނީ މީގެ ތިރީސް ފަސް އަހަރު ކުރިން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އޭނާގެ ސަރުކާރުން ބޭނުންވާ ކަމަށާ މިކަމަށް މަސައްކަތް ވެސް ކުރަމުން ގެންދާނެ ކަމުގައެވެ. ނަމަވެސް މީގެމާނައަކީ އެމެރިކާ އެދެހާ ގޮތަކަށް އީރާން ދީލާލުން ނޫންކަމަށާއި އީރާން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދަނީ އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުވެރިކަމުގައި އޮވެގެން އީރާނުގެ އަމިއްލަ މަސްލަޙަތު ކުރިޔަށް ނެރެގެން ކަމަށް ރޫޙާނީ ވިދާޅުވި އެވެ.
އަދި ނިއުކްލިޔަރ މައްސަލާގައި ވެސް އެމެރިކާ ބޭނުންވާ ދޫތައް އީރާނުން ނުދޭނެ ކަމަށާ ނިއުކްލިޔަރ ހައްގުތަކުގައި އިންޗިއެއް ވެސް އީރާން ފަހަތަށް ނުޖެހޭނެ ކަމާއި އީރާނުގެ ބޭނުމަކީ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަން ހުޅަނގުގެ ބާރުތަކަށް ހާމަކޮށްދިނުން ކަމަށާ ނިއުކްލިޔަރ ހައްގުތަކުގައި ދޫދިނުން ނޫންކަމަށް ރައީސް ޙަސަން ރޫޙާނީ ވިދާޅުވެފައިވެ އެވެ. ބޭރު ގައުމުތަކުގައި ތިއްބަވާ އީރާނުގެ ސަފީރުންނާއި ޑިޕްލޮމޭޓުންނާ ބައްދަލުކުރައްވައި އިއްޔެ ވާހަކަ ދައްކަވަމުން އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޚަމަނާއި ދެއްކެވި ވާހަކަތަކަކީ އެމެރިކާއާ ގާތްވުމަށް ރައީސް ރޫހާނީ ގެންގުޅުއްވާ ސިޔާސަތަށް ދެއްވި ނުސީދާ އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
ޚަމަނާއި ވަނީ އެމެރިކާއަކީ އީރާނާމެދު ހަސަދައާއި ދުޝްމަންކަން ގެންގުޅޭ ތަޢައްސުބުން ފުރިގެންވާ ހަރުކަށި ގައުމެއް ކަމަށް ސިފަކުރައްވާފަ އެވެ. އެމެރިކާއާ އެކު އީރާން ވާހަކަ ދައްކަމުން ގެންދަނީ ނިއުކްލިޔަރ މައްސަލާގައި އެކަނި ކަމަށާ މިފަދަ މަދުޙާލަތެއްގައި މެނުވީ އެމެރިކާއާ ވާހަކަ ދައްކަން އީރާން ބޭނުންނުވާ ކަމަށް ޚަމަނާއި ވިދާޅުވި އެވެ. އަދި އެމެރިކާއާ އެކު އީރާން ކުރިޔަށްގެންދާ ނިއުކްލިޔަރ ވާހަކަތަކުން ވެސް އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު ކުޑަކަމަށާ ނިއުކްލިޔަރ ވާހަކަތަކުގެ ސަބަބުން ވެސް އީރާނާމެދު އެމެރިކާ ގެންގުޅޭ ހަރުކަށި އަދި ދުޝްމަންކަމުގެ ސިޔާސަތަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސްޚަމަނާއި ވިދާޅުވި އެވެ.
1979ގައި އީރާނަށް އައި އިސްލާމީ އިންގިލާބަށް ފަހު އެގައުމުން އެމެރިކާ ސިފަކުރަމުން ގެންގޮސްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ޝައިތާނާގެ ގޮތުގަ އެވެ. އީރާނުގެ އެމެރިކާ އިދިކޮޅު ވެރިކަމުގެ ނިޒާމު ވައްޓާލުމަށް އެމެރިކާ އިސްވެ އޮވެގެން ހުޅަނގުން ކުރި ހުރިހާ މަސައްކަތްތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ ތެރޭގައި ގަލްފުގެ އަރަބި ގައުމުތަކުގެ މާލީ އެހީގައި ސައްދާމް ޙުސައިންގެ ދުވަސްވަރު އިރާގު ލައްވައި 8 އަހަރުގެ ދިގު ހަނގުރާމައެއް އީރާނާ ދެކޮޅަށް ކުރުވުމާއި
ގައުމަކާ ދެކޮޅަށް މިހާތަނަށް ނާޅާވަރުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އެޅުމާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އީރާނަށް އިސްވެ ޙަމަލާދޭނެ ކަމުގެ ބިރު ދައްކަމުން ގެންދިޔުމާއި އީރާނުގެ ބޮލުގައި ޓެރަރިޒަމްގެ ބަދުނާމު އެޅުވުން ފަދަ ހަރުކަށި އަމަލުތައް ހިމެނެ އެވެ. އެމެރިކާގެ މިހަރުކަށި ސިޔާސަތުތަކުން އީރާނުގެ ވެރިކަމުގެ ނިޒާމް ވައްޓާނުލެވުމުގެ އިތުރުން ސައެންޓިފިކް ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އީރާން އިތުރަށް ބާރުގަދަވެ އީރާނުގެ ނުފޫޒު މެދުއިރުމަތީގައި ވަރުގަދަވުމުން އެމެރިކާ ވަނީ އަމިއްލައަށް އިސްނަގައިގެން އީރާނާ ސުލްހައިގެ ވާހަކަތައް ދައްކަން ފަށާފަ އެވެ. މިވާހަކަތަކުގައި ވެސް ނިއުކްލިޔަރ މައްސަލާގައި އެމެރިކާ އެދޭ ދޫތައް ދިނުމަށް އީރާން ދެކޮޅުހަދާތީ މިވާހަކަތަކުން މާބޮޑު ނަތީޖާއެއް މިހާތަނަށް ޙާސިލް ކުރެވިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)