"މިނިވަން ނިއުސް"ގައި މަސައްކަތް ކުރާ ޖާނަލިސްޓަކް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ރިލްވާން އަބުދުﷲ،28،ގެ އެއްބަނޑު އެއްބަފާ ދައްތަ ބުނީ ރިލްވާންގެ ހަބަރެއް އެންމެ ފަހުންވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ފޯނަކަށް ވެސް ނުގުޅޭ ކަމަށެވެ.

އާއިލާ އަށް ނޭނގި އެއްވެސް ތަނަކަށް ރިލްވާން ފުރައިގެން ހިނގައިދާނެތޯ ސުވާލު ކުރުމުން އޭނާގެ ދައްތަ ބުނީ އާއިލާ އަށް ނޭނގި ރިލްވާން ނުދާނެ ކަމަށެވެ.

"އާއިލާ އަށް ނޭނގި އެއް ނުދާނެ. މީގެ ކުރިން ވެސް ރިލްވާން ނުދޭ،" ރިލްވާންގެ ދައްތަ ބުންޏެވެ.

އާއިލާ އިން ބުނީ ރިލްވާން ދިރިއުޅެނީ އެކަނި އެޕާޓްމެންޓެއްގައި ހުޅުމާލޭގައި ކަމަށެވެ.

ފުލުހުން ބުނީ ރިލްވާން ގެއްލިގެން އެ މައްސަލަ އާއިލާ އިން އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރިލްވާންގެ ދައްތަ ބުނީ ހުޅުމާލޭގައި އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުން އަންނަ ރިލްވާންގެ އެޕާޓްމަންޓުން އެއްވެސް އެއްޗެއް ގެއްލިފައި ހުރި ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން މީހުންނަށް ފެނިފައި ވަނީ ވެސް އާއިލާއާ އެކު އުޅުމަށް ފަހު އެޕާޓްމަންޓަށް ދަނިކޮށް ކަމަށެވެ.

ރިލްވާން ގެއްލުމުގެ ހާދިސާއާ ގުޅޭ ގޮތުން މިނިވަން ނޫހުން ބުނެފައި ވަނީ އެނޫހާއި ރިލްވާނަށް ވެސް މީގެކުރިން އެކިބާވަތުގެ އިންޒާރުދީފައި ހުރި ނަމަވެސް ވޭތިވެ ދިޔަ ދެތިން ހަފުތާގައި އެބާވަތުގެ މެސެޖެއް އޭނާ އަށް ލިބިފައިވާކަން އެނގިފައިނުވާ ކަމަށެވެ.