14 Aug 2014, 00:07
ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ކޮކެއިންއާއެކު އިއްޔެ ހައްޔަރުކުރި ތައިލެންޑް މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.
އިއްޔެ ހައްޔަރުކުރި ތައިލެންޑްގެ 37 އަހަރުގެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އިއްޔެ އޭނާ ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެއިންނެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ ގެންގުޅުނު އެއްޗެހި ތަކެއްގެ ތެެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަސްތުވާތަކެތި ތަހުލީލު ކުރުމަށް ބޭނުންކުރާ ވަގުތީ ތަހުލީލު ކުރި އިރު އޭނާ އަތުން ފެނުނު ތަކެތި ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން އަންނަނީ ތަޙުގީގު ކުރަމުންނެވެ.