15 Jan 2011, 19:49
މަޝްހޫރު ގާރީ ހުސައިން ތައުފީގުގެ ސައިކަލްގައި ރޭ ދަންވަރު ބަޔަކު ރޯކޮށް، އަންދާލައިފި އެވެ.
ފުލުހުން ބުނީ ހަނދުވަރީ ހިނގުމުގައި ހުންނަ ގާރީ ތައުފީގު ދިރިއުޅުއްވާ ގެ، ޑްރީމީ ބީޗް ހުންނަ ގޯޅި ތެރޭގައި ހުރި ތައުފީގުގެ ސައިކަލް ބަޔަކު ރޭ ދަންވަރު ތިނެއް ޖަހާއެހާކަންހާއިރު ރޯކޮށް، އަންދާލާފައިވާ ކަމަށާއި އެކަން ކުރީ ކޮންބައެއްކަން އަދި ނޭނގޭ ކަމަށެވެ.
ގާރީ ތައުފީގުގެ ސައިކަލްގައި ބަޔަކު ރޯކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުގައި ރޯވެފައިވާ އަލިފާންގަނޑު އާމުންގެ ބަޔަކު ނިންވާލާފައިވާ ކަމަށާއި ނަމަވެސް ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގާރީ ތައުފީގުގެ ސައިކަލު ބަޔަކު އަންދާލާފައިވާ އިރު، ފުލުހުން މިދިޔަ އަހަރު ސެޕްޓެންބަރު މަހު ތެރޭގައި ވަނީ އޭނާ ހައްޔަރުކޮށް ތަހުގީގުތަކެއް ކުރިއަން ގެންގޮސްފަ އެވެ. ފުލުހުނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ގާރީ ތައުފީގާ މެދު ތުހުމަތު ކުރަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު، އެކި ދުވަސްވަރުމަތިން ބަދުއަހުލާގީ އަމަލް ހިންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް ފަހު ގާރީ ތައުފީގު ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅުގަ އެވެ.