މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޓްރޭޑާސް ހޮޓެލްއާއި ގަތަރު އެއާވޭސް ގުޅިގެން "ރަމަޟާން ބްރޭކްފާސްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ޓްރޭޑާސް ހޮޓެލްގައި ހުންނަ އަޒުރް ރެސްޓޯރެންޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މުޅި ޕްރޮމޯޝަންގެ ދަށުން އަގުބޮޑު ފަސް އިނާމެއް ލިބޭ ނަސީބުވެރިން ހޮވައިދެއްވީގަތަރު އެއާވޭސްގެ އިސް ބޭފުޅުންނެވެ.

ޕްރޮމޯޝަންގެ އެއްވަނަ އިނާމެއްގެ ގޮތުގައި ގަތަރު އެއާވޭސްއިން ދުބާއީއަށް ދެކޮޅު ޓިކެޓާ އެކު ދުބާއީގައި ހުންނަ ޓްރޭޑާސް ހޮޓެލްގައި ދެރޭ މަޑުކޮއްލުމުގެ ފުރުސަތު ދީފައިވާ އިނާމުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ގ.އެނެލް، އާޒިމާ އާދަމް އެވެ. ދެވަނަ އިނާމަކަށް ގަތަރު އެއާވޭސް އިން ދުބާއީއަށް ދެކޮޅު ތިކެޓު ދޭއިރު އެ އިނާމުގެ ނަސީބުވެރިއަކަށް ހ. ނީރުބަހުރުގެ، ޔޫސުފް ރިޒާ ހޮވިފައިވާ އިރު ތިންވަނަ އިނާމެއްގެ ގޮތުގައި މާލޭގައިހުންނަ ޓްރޭޑާސް ހޮޓެލްގައި އެގްޒެކްޓިވް ރޫމްސްޓޭ އިނާމުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ މ. ވިލުފުށިގެ، ފާތިމަތު ޝާނީ އެވެ. ހަތަރުވަނަ އިނާމަކަށް އަޒުރު ރެސްޓޯރަންޓުން އެއްރޭގެ ކެއުން ލިބޭ އިރު އެ އިނާމް ހާސިލްކޮށްފައި ވަނީ ސިނާނަތު ނަމަކަށް ކިޔާ މީހެކެވެ.

އެ ޕްރޮމޯޝަންގައި ފަސްވަނަ އިނާމަކަށް ލައިމް ރެސްޓޯރެންޓުން އެއްރޭގެ ކެއުން ހިލޭ ލިބޭ އިރު އެ އިނާމު ތިން ބޭފުޅަކަށް ލިބެ އެވެ. އެގޮތުން އެ އިނާމު ލިބިފައިވާ ނަސީބުވެރިންނަކީ ނ. ކެނދިކުޅުދޫ، ދިލްދިލާގެ، މުޙައްމަދު ހަނީފް އާއި ގ. ކުދިރުވާލިގެ، ހަސަން ޝިޔާމް ގެ އިތުރުން ސ. މަރަދޫ އަސްރާރުގެ، ހަސަން އާދިލް އެވެ.

ގަތަރު އެއާވޭސްގެ ކޮމާޝަލް މެނޭޖަރު ކަމިންގަ ވިދާޅުވީ އެ ޕްރޮމޯޝަންއަށް ކަސްޓަމަރުންގެ ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ތާގައި ވެސް އެފަދަ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގަތަރު އެއާވޭސް އިން މިއަދު ވަނީ 25 ޕަސެންޓަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންއެއް ވެސް ފަށައިފަ އެވެ.