އާސެނަލްގެ ކެޕްޓަންކަމުގެ މަގާމަށް އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު މިކެލް އާޓެޓާ ހަމަޖައްސައިފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލްގެ ކެޕްޓަންކަމުގެ ދައުރު އަދާކުރި އާޓެޓާ އެވެ.

ކުރިން އާސެނަލްގެ ކެޕްޓަންކަމުގެ މަގާމުގައި ހުރީ ދާދި ފަހުން އެ ކްލަބު ދޫކޮށް ބާސެލޯނާއާ ގުޅުނު ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވަމާލިން އެވެ. އޭރު އާޓެޓާ ހުރީ ޓީމުގެ ވައިސް ކެޕްޓަންކަމުގެ މަގާމުގައެވެ. އާސެނަލްގެ ކެޕްޓަންކަމުގެ މަގާމަށް އާޓެޓާ ހަމައްޖެއްސި އިރު، އެ ކްލަބުގެ ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ޖަރުމަން ޑިފެންޑަރު ޕާ މާޓެސޭކާ އެވެ.

"ކެޕްޓަނަކީ އާޓެޓާ. އަދި ވައިސް ކެޕްޓަނަކީ މާޓެސޭކާ." އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުންޏެވެ.

އެކަމާ ގުޅިގެން ޝޯޝަލް މީޑިއާގައި އާޓެޓާ ވަނީ އޭނާގެ އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އާޓެޓާ ބުނީ، އާސެނަލްގެ ކެޕްޓަންކަން ކުރަން ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.