13 Aug 2014, 22:40
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރި ޓީމު ބަލިކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ސެވިއްޔާގެ ގޯލްކީޕަރު ބެޓޯ ބުނެފި އެވެ.
ކާޑިފް ސިޓީގައި ރޭ ސެވިއްޔާ އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ޔޫއެފާ ސުޕާ ކަޕް އުފުލައިލި މެޗުގައި ރޮނާލްޑޯގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ރޭގެ މެޗުގައި ފެނުނު ދެ ލަނޑަކީ ވެސް ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑެވެ.
"މެޗުގައި މެޑްރިޑުން މޮޅު ކުޅުމެއް ދެއްކި،" ބެޓޯ ބުންޏެވެ. "އަހަރެންގެ ޓީމު ދެއްކި ކުޅުމާމެދު އަހަރެން ފަހުރުވެރިވަން. އެކަމަކު އަހަރެމެންނަށް މޮޅެއް ނުހޯދުނު. އެންމެ މޮޅު ކުޅުންތެރިޔާ ހުރި ޓީމެއް ބަލި ކުރުމަކީ ވާނެ ކަމެއް ނޫން."
ރޭގެ މެޗާ ބެހޭގޮތުން ސެވިއްޔާގެ ޑިފެންޑަރު ފެޑެރިކޯ ފާޒިއޯ ބުނީ، ދެ ޓީމު ދެއްކި ކުޅުމާމެދު ސަޕޯޓަރުން ހިތްހަމަޖެހޭނެ ކަމަށާއި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސެވިއްޔާއިން ކޮށްފައިވާނެ ކަމަށެވެ.