ކ. ކާށިދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށާއި ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގައި ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު ސޮއިކުރެވުނު އެ ދެ އެއްބަސްވުމުގައި ވެސް ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހެލްތު މިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެންހުންނެވި، ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.

ކާށިދޫ ސިއްހީ މަރުކަޒު މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން އެ ސެންޓަރުގައި ބޮޑެތި މަރާމާތުތަކެއް ކުރުމަށް ހެލްތް މިނިސްޓްރީން މިއަދު ހަވާލުކުރީ، ޑީއެމްއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، 632405.83 ރުފިޔާއަށް ޑީއެމްއޭ އާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަރާމާތުގެ މަސައްކަތް ނިންމާ 62 ދުވަސްތެރޭގައި ހަވާލުކުރާ ގޮތަށް ކަމަށެވެ.

ވޭމަންޑޫ އަތޮޅު ހޮސްޕިޓަލްގައި އެންއައިސީޔޫ ގާއިމްކުރުމަށް ހަވާލުކުރީ، އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހެލްތް މިނިސްޓްރީން ބުނީ، ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގައި އެންއައިސީޔޫ އެއް ގާއިމް ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި އެފަދަ ޔުނިޓްތައް ގާއިމް ކުރުމާއި އެހެން ސިއްހީ މަރުކަޒުތަކުގައި "ނިއުބޯން ކޯނާ" ގާއިމު ކުރުމަށް ސާކް މެޓާނަލް އެންޑް ޗައިލްޑް ހެލްތު ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން 62 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ، ސާކް މެޓާނަލް އެންޑް ޗައިލްޑް ހެލްތު ޕްރޮޖެކްޓުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށާއި ސަރުކާރުގެ ބަޖެޓުން އެ މަޝްރޫއުއަށް 632,405.83 ރުފިޔާ ހަރަދުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.