13 Aug 2014, 21:22
ދައުލަތަށް ޓެކްސް ނުދެއްކި މީހަކާ ދެކޮޅަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާ އަކާ ގުޅިގެން އެމީހާ އަރުވާލުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ގދ. ފުނަދޫ، ކުއްޔަށް ހިފާފައިވާ ގ. އައިމާ އަހްމަދު އަބްދުލް އަޒީޒު ދެ މަހާއި 15 ދުވަހަށް އަރުވާލުމަށް ހުކުމް ކޮށްފައި ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1,694,239.66 ރުފިޔާ އޭނާ ދައްކާފައި ނުވާތީ އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އެކު އަހްމަދު އަބްދުލް އަޒީޒު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ލީސް ރެންޓު ކަނޑައެޅިފައިވާ މުއްދަތުގައި ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒު ކުރުމަށް ދެވަނަ ފަހަރަށް މީރާ އިން ހުށަހެޅުމުންނެވެ.
އެ ފައިސާ ނުދެއްކުމުން މީރާއިން ފުރަތަމަ ހުށަހެޅި ހުކުމްތަންފީޒު ކުރުމުގެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެއް މަސްދުވަހުގެ މުއްދަތަށް އޭނާ ގޭގައި ބަންދު ކުރުމަށެވެ.
ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް 2011 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް އިއްވުމާއެކު، އަހްމަދު އަބްދުލް އަޒީޒް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބާލާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފަ އެވެ.