އުމުރުން 15 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިއްބައިދިނުމަށް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފި އެވެ.

މިއީ މިފަދަ އަމުރެއް އެ ކޯޓުން ނެރުނު ފުރަތަމަ ފަހަރެވެ. އެ އަމުރުގައި ވާގޮތުން އެ މިނިސްޓްރީން އެ ކުއްޖާ ބަލަހައްޓަން ޖެހޭނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ނޫންނަމަ، އެ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެނެވެ.

ޖުވެނައިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި އެކިފަހަރުމަތިން އެ ކޯޓުން އެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި ވީ ނަމަވެސް އެ ބާވަތުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ގެންގުޅޭ އުސޫލުތަކަށް ބެލުމަށްފަހު އެ ކުއްޖާގެ މައްސަލަ ކުރިއަށް ނުގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައި ވެއެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް އެ ކުއްޖާ ބަންދުން ދޫކޮށް ބެލެނިވެރިންނާ ހަވާލުކުރަން ބެލިއިރު އޭނާގެ ބައްޕަ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން ޖަލަށް ގެންދާ މީހަކަށް ވާތީ، ބައްޕަ ކައިރީގައި ކުއްޖާ ބެހެއްޓުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފައިވާ ކަމަށެވެ.

އެ ކުއްޖާގެ މަންމަ ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމުން ދިރިއުޅުމުގެ ކަންތައް ހުރިގޮތުން ދަރިފުޅު ބެލެން ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.

އެ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ޝަރުއީ ބަލަދުވެރިއެއް މިހާތަނަށް ހޯދިފައި ނުވާއިރު، ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި ކުޑަކުދިންގެ ހައްގުތައް ރާއްކާތެރިކުރުމާ ބެހޭ ގާނޫނަށާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެކުލަވާލާފައިވާ ގައިޑުލައިންތަކަށް ރިއާޔަތްކުރާއިރު އެފަދަ ކުދިންނަށް ރައްކާތެރިކަން ދިނުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް އެ އަމުރުގައި ވެއެވެ.

އެ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތަކާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތައް ކަމުގައިވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ހޯމް މިނިސްޓްރީގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމުން، އެފަދަ ކުދިން ބައިތިއްބައިގެން ބަލަހައްޓާނެ އިންތިޒާމް އެއިން އެއްވެސް މުއައްސަސާއެއްގައި މިހާތަނަށް ހަމަޖެހިފައި ނުވާތީ ކަމަށް ބުނެ އެ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނެގެން ނެތް ކަމަށް އެ ފަރާތްތަކުން ބުނި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

".... މިކުއްޖާގެ އުމުރުން މީލާދީގޮތުން 18 އަހަރު ފުރެންދެން ނުވަތަ މިކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާންތައް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އަށް އަންގައި އަމުރުކޮށްފީމެވެ،" ޖުވެނައިލް ކޯޓުގެ އަމުރުގައި ވެއެވެ.