ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކުރެވުނަސް ރެއާލް މެޑްރިޑަށް އެ ކާމިޔާބުން އެކަނި ފުއްދައި ނުލެވޭނޭ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑް ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކުރި ސެވިއްޔާ އަތުން 2-0 ލަނޑުން މޮޅުވެ، ޔޫއެފާ ސުޕަ ކަޕް އުފުލާލައިފައެވެ. މެޑްރިޑަށް އެ ތަށި ކާމިޔާބުކުރެވުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުންނެވެ.

"މެޗުގައި އަހަރެމެން ކުޅުނީ ދަށް ކުޅުމެއް ނޫން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެން ގިނަ މަސައްކަތެއްކޮށް، ސުޕަ ކަޕް ކާމިޔާބުކުރަން އަޒުމް ކަނޑައެޅިން،" 'މާކާ'އަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވި އެވެ. "މި ކާމިޔާބުން ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ފުރުސަތެއް ލިބޭނެ. އެއީ މެޑްރިޑްގެ ތާރީހު. އެއީ އަހަރެމެންގެ ބެލެނިވެރިން ދަސްކޮށްދިން ގޮތް. އަހަރެމެން ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދަން."

ޕެރޭޒްވިދާޅުވީ، ޔޫއެފާ ސުޕާ ކަޕްގައި ސްޕެއިންގެ ދެ ޓީމެއް ވާދަކުރުމަކީ ލިބުނު އުފަލެއް ކަމަށާއި އެއީ ސްޕެއިންގެ ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

ފުޓްބޯޅައިގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބަކީ ރެއާލް މެޑްރިޑެވެ. އެ ކްލަބުން ވަނީ 10 ފަހަރަކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.