އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދުގެ އިތުރުން ތިން ބޭފުޅަކު އެ ކޮމިޝަންގެ ދެ ވަނަ ދައުރަށް ހޮއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން އޭސީސީއަށް ހޮއްވަވާފައިވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާތީ، އެ ކޮމިޝަންގެ ދެ ވަނަ ދައުރަށް ހޮއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ފޮނުއްވެވި ފަސް ނަންފުޅުގެ ތެރޭގައި، އެ ކޮމިޝަންގެ ތިން މެމްބަރަކު ނުހިމެނެ އެވެ.

އޭސީސީއަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ އަނެއް ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ކުރިމަތިލެއްވި އެވެ.

ލުތުފީ އާއި މުއައްވިޒުގެ އިތުރުން ރައީސް ޔާމިން މިއަދު މަޖިލީހަށް ފޮނުއްވެވި އަނެއް ތިން ބޭފުޅުންނަކީ ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި ގދ. ވާދޫ ސަދަންވިލާ އަލްފާޟިލް ޞަފްވަތު މުޙަންމަދެވެ.

އެ ފަސް ބޭފުޅުންނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންނެވެ. މިކަމަށް އިޖާބަ ދެއްވި އެހެން ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ވެސް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ޖުމްލަ 42 ބޭފުޅަކު މެންބަރުކަމަށް އެދިވަޑައިގެން ނަން ހުށަހެޅުއްވިއެވެ.