ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބު ހައިކޯޓުން ބާތިލްކޮށްފައި ވަނިކޮށް، އެ އިންތިޚާބުގައި ފަސް ވަނައަށް ދިޔަ ދެ ކެންޑިޑޭޓުންނާއި ހަ ވަނައަށް ދިޔަ ކެންޑިޑޭޓްގެ މެދުގައި އަލުން އިންތިޚާބު ބާއްވަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު އެގޮތަށް އަމުރުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ކޮނޑޭ ކައުންސިލް އިންތިޚާބާ ގުޅޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހަޅާފައި ވަނީ، އެރަށު ޖޯޖެޓުވިލާ އަލީ އިބްރާހީމް ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ އިންތިޚާބު އެ ކޯޓުން ބާތިލް ކޮށްފައިވާތީ އެވެ.

ކޮނޑޭ ކައުންސިލްގެ އިންތިޚާބުގައި ފަސް ވަނަ އަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ލިބިފައި ވަނީ 88 ވޯޓެވެ. އަދި ހަ ވަނަ އަށް ހޮވުނު ކެންޑިޑޭޓަށް ލިބިފައި ވަނީ 87 ވޯޓެވެ.

ކޮނޑޭ ކައުންސިލްގެ އިންތިޚާބާ ގުޅޭ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައި ވަނީ ގއ. ދާންދޫގައި ހުރި ކޮނޑޭ އަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ދާންދޫ ކައުންސިލަށް ވޯޓުލާފައިވާތީ އެވެ. އެ މައްސަލަ އެއިރު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން އެތަނުން ނިންމާފައި ވަނީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ އެ ކޯޓަށް ހުށަހެޅިތާ ހަތަރު މަސް ފަހުންނެވެ.