މާލެއަށް ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްވީކޭ މޯލްޑިވްސްގެ ބަސްތައް ދިރާގުގެ ހުޅަނގުން އޮތް ބިމުގައި ޕާކްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކާނިވާ ސަރަހައްދުން އެމްވީކޭގެ ބަސްތައް ޕާކްކުުރުމަށް ދޫކޮށްފައިވާ ބިމުގެ ބަދަލުގައި އެ ކުންފުންނަށް މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދިރާގުގެ ހުޅަނގުން އޮތް ބިން ވަނީ 25 އަހަރަށް ދޫކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް މިއަދު ވިދާޅުވީ ދިރާގު ހުޅަނގުން އޮތް ބިން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ކުރީ ކައުންސިލުން ކަމަށެވެ. އަދި އެ ބިން އެކުންފުންޏާ ހަވާލުކުރި ނަމަވެސް ކާނިވާ ސަރަހައްދުގައި ބަސްތައް ޕާކްކުރަން ކުރިން ދޫކުރި ބިން ހަ ފަހަރެއްގެ މަތިން ނޯޓިސް ދިނުމުން ވެސް އަދިވެސް ހުސް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބިން އެކުންފުންޏާ ހަވާލުކޮށްފައި ވަނީ އެގްރީމަންޓްގައި ބުނެފައިވާ ގޮތުގެ މަތިން، އެގްރީމަންޓްގައިވާ ގޮތުގައި ބަހުގެ ހިދުމަތް މާލޭގައި ދޭ ފަރާތަކަށް ބަސްތައް ޕާކް ކުރާނެ ބިމެއް ދޭންޖެހޭ، ނަމަވެސް ބަސްތައް ޕާކްކުރަން ދޫކުރާ ސަރަހައްދުގައި އިތުރު އެހެން އެއްވެސް ކަމެއް ނުކުރެވޭނެ،"ސަމާއު ވިދާުޅުވި އެވެ.

އެމްވީކޭއިން މާލޭ ސިޓީގައި ބަހުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހިދުމަތް ދެމުން ނުގެންދާ މައްސަލާގައި އާއްމުންގެ ގިނަ ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެކަމާ މެދު އެ ކުންފުންޏާ އެކު މަޝްވަރާކޮށްފަ އެވެ. އަދި އޭރު އެކުންފުނިން ބުނެފައިވަނީ އެގްރީމެންޓާ އެއްގޮތަށް އަމަލުކުރުމަށް ދަތިވެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް ދޭންޖެހޭ ބިންތައް އެކުންފުންޏަށް ދީފައިނުވާތީ ކަމަށެވެ.