ބޭންކް އޮފް މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި "ރޯދަ ވެދުން" ޕްރޮމޯޝަންގެ ފަސް ވަނަ ހަފްތާގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ފަސްވަނަ ހަފުތާގެ ނަސީބުވެރިންގެ ގުރުއަތު ނެގީ މިއަދު މެންދުރު ފަހު ބީއެމްއެލް މަޖީދީމަގު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ރެޑް ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާމް ޖަލީލް އެވެ.

ރޯދަ ވެދުން ޕްރޮމޯޝަންގެ ފަސްވަނަ ހަފްތާގެ ނަސީބުވެރި ތިންފަރާތަކަށް ހޮވިފައި ވަނީ، މ. ގްރީންވިލާ، ޝާމިލާ ރަޝީދު އާއި މ.ނޫތަރި، މަރިޔަމް ބަސްމާ ގެ އިތުރުން ގ.ކޮލަމް، ހަސަން ރިފާއު އެވެ.

ބީއެމްއެލްގެ ރޯދަ ވެދުން ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އެ ކަސްޓަމަރަކު ހަފްތާއެއްގެ ތެރޭގައި ކާޑުން ވިޔަފާރި ކުރުމަށް ހޭދަކުރި ފައިސާގެ ތިން ގުނަ ފައިސާ އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ޖަމާކޮށްދެވޭނޭ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ގިނަވެގެން ދެވޭނީ 50،000 ރުފިޔާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.