13 Aug 2014, 17:00
އިރާގުގައި އެ ގައުމުގެ މައި ސަރުކާރާ ވަކިވެގަނެގެން އުޅޭ ކުރުދީންގެ ސަރަހައްދީ ސަރުކާރަށް ފަރަންސޭސިވިލާތުން ހަތިޔާރު ފޮނުވައިދޭނެ ކަމަށް އެ ސަރުކާރުން ބުނެފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ފަރަންސޭސިވިލާތުން ފޮނުވާ ހަތިޔާރު ކުރިއަށް އޮތް ގަޑިއިރުތަކެއްގެ ތެރޭގައި ލިބޭނެ ކަމަށް ކުރުދިސްތާން ޕްރެޒިޑެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ކަމަށެވެ. އަދި ބުނީ ފަރަންސޭސީން ފޮނުވާ ހަތިޔާރުޝިޕްމެންޓަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ހަނގުރާމަ ކުރުމަށް ކުރުދީ ހަނގުރާމަވެރިންނަށް އެހީތެރިވުމަށް ފޮނުވާ ޝިޕްމަންޓެއް ކަމަށް އެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ދިނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައި ނުވާ ކަމަށް ވެސް އޭޕީ ބުންޏެވެ.
ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ކުރުދީން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަދިނުމާ މެދު މަޝްވަރާ ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވަން ފަރަންސޭސިން ވަނީ މިހަފުތާގެ ކުރީކޮޅުގައި ގޮވައިލާފަ އެވެ.
އިރާގާއި ސޫރިޔާއިން ބޮޑުބައެއް ކޮންޓްރޯލް ކުރުމަށް ފަހު އުފައްދާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަލާ ދޭން ފެށުމުން އެމެރިކާއިން ވެސް ވަނީ ކުރުދީންނަށް ހަތިޔާރު ދީފައެވެ.
އައިއެސް އިން މިހާރު ހިފުމަށް އަމާޒުކޮށްގެން އުޅޭ ކުރުދިސްތާނުގެ ވެރިރަށް އިރުބީލްއަކީ އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ގިނަ މަސްލަހަތުތަކެއް އޮތް ރަށެކެވެ. އެ ރަށުގައި އެމެރިކާގެ 6000 އޮފިޝަލުންނާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބައެއް ތެޔޮ ކުންފުނިތަކުގެ އިސް މީހުން ތިބެ އެވެ.
ކުރުދީންގެ ރީޖަނަލް ސަރުކާރުން އަންނަނީ އިރާގުގެ އެންމެ ގިނައިން ތެޔޮ ހުރި ބައެއް ތެޔޮވަޅުތައް ކޮންޓްރޯލް ކުރަމުންނެވެ. އަދި އިރާގުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް އެމީހުން އަންނަނީ ތުރުކީ އާއި އެމެރިކާގެ ބައެއް ކުންފުނިތަކަށް އަމިއްލައަށް ތެޔޮ ވިއްކަމުންނެވެ.