13 Aug 2014, 16:53
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ 10 ބުރީގެ އާ އިމާރާތެއް އެޅުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ހަވާލުކޮށްފި އެވެ. ގުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް ކުރުމަށް އެމްއައިބީއާ ހަވާލު ކުރީ އެ އިމާރާތުގެ 50 ޕަސެންޓް 30 އަހަރަށް އެ ބޭންކަށް ދޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ މަސައްކަތުގެ އެމްއޯޔޫގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނެވެ.
ސޮއިކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމު ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ، މިހާރު އެ މަރުކަޒު ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައިގެން ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރަން ހުރުމާއެކު އެ މަޝްރޫއުއަށް ދާނެ ހަރަދެއް އަދި ދަންނަވަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ހާރިސް ހާރޫން ވިދާޅުވީ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުމަށް އެމްއައިބީއާ ހަވާލުކުރުމަކީ އެ ބޭންކަށް ލިބުނު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި މިކަމުން ބޭންކަށާއި ގުރުއާނާ ބެހޭ މަރުކަޒުގެ ދަރިވަރުންނަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއައިބީގެ ބްރާންޗެއް ރާއްޖޭގައި ގާއިމްކުރެވުނު ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީއާއެކު ގާތްގުޅެއް ބާއްވާ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައި ވެސް މިނިސްޓްރީ އަށް ވެދެވެން އޮތް އެހީތެރިކަން އެ ބޭންކުން ވެދެއްވާނެ ކަމަށް ވެސް ހާރޫން ވިދާޅުވި އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބް އައިޝަތު މުނީޒާ ވިދާޅުވީ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ބިމުގައި 10 ބުރީގެ އިމާރާތެއް ތަރައްގީ ވެގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަށަން ނިންމާފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއައިބީއަށް އެ އިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް މުނީޒާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެމްއައިބީއަށް ކުއްޔަށް ދިނުމުގައި ބޭނުން ކުރާނީ މިފަދަ ބިންތައް ތަރައްގީ ކުރުމަށް އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ބިލްޑް އޮޕަރޭޓް އެންޑް ޓްރާސްފާ (ބީއޯޓީ) މޮޑެލް ކަމަށެވެ.
"އެކުލަވާލާފައިވާ ޓައިމްލައިނުގައިވާ ގޮތުން މިއަދު މި ސޮއިކުރެވުނީ އެމްއޯޔޫގައި. ދެން މި އޮންނަނީ ގާތްގަނޑަކަށް ޑިސެމްބަރާއި ހަމައަށް އިމާރާތް ކުރެހުމާއި ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް. އެއަށްފަހު ލީސް އެގްރީމެންޓެއްގައި އެމްއައިބީއާއެކު ނޮވެމްބަރު މަހު ސޮއިކުރާނެ،" އިސްލާމިކް މިނިސްޓަރުގެ ނައިބު ވިދާޅުވި އެވެ.
އެމްއައިބީ އިން އަންނަނީ ކޮލެޖް އޮފް އިސްލާމިކް މިނިސްޓްރީ ނުވަތަ ކުއްލިއްޔާ ޔުނިވާސިޓީއަަކަށް ހެދުމުގެ މަސައްކަތުގައިވެސް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.