13 Aug 2014, 16:45
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ވަގުތު އެ ކަމުގެ ތުހުމަތު ކުރެވޭ ހ. ހިކޯސްޓު އަލީ ޝާން ހުރީ ޖަލަޕީނޯ ރެސްޓޯރަންޓުގައި ކޮފީއެއްގައި ކަމަށް އޭނާ ދިފާއުގައި ހަތަރު މީހަކު ހެކި ބަސް ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސްދިން މީހުންގެ ތެރެއިން ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސުމިތު) ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 ގެ ފަހުން ޖަލަޕީނޯ ރެސްޓޯރަންޓުން އޭނައާ ޝާންއާ ދިމާވި ކަމަށެވެ. އަދި ބުނީ ޖަލަޕީނޯ ރެސްޓޯރަންޓުގައި ޝާންއާ އިތުރު ބަޔަކާއެކު ވަގުތު ހޭދަކުރުމަށްފަހު 12:15 ހާއިރު އެތަނުން އޭނާ ދިޔައީ ލަބަން ރެސްޓޯރަންޓަށް ކަމަށެވެ.
"12:15 ހާއިރު އަޅުގަނޑު އެތަނުން ނުކުތީ. ދެން އަޅުގަނޑު ވަޑައިގެންނެވީ ފެރީޓާމިނަލްގަ އިންނަ ލަބާން އަށް،" އެމްޑީޕީގެ އެކްޓިވިސްޓު، ސުމިތު ބުންޏެވެ.
ޝާންއާއެކު ކޮފީގައި ތިބެގެން ދެކެވުނީ ކޮން ވާހަކަތަކެއްތޯ ދައުލަތުން ސުވާލުކުރުމުން ސުމިތު ބުނީ އޭގެ ފަހުން ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ ދެކެވުނު ވާހަކައެއް ހަނދާނެއް ނެތް ކަމަށެވެ.
ސުމިތަކީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހެކެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުމިތު ވެސް ވަނީ އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓި ކަމަށް ބުނެފަ އެވެ.
ސުމިތަށް ފަހު ދެން ހެކިބަސް ދީފައި ވަނީ އަހުމަދު ޝިމްހާން ނަމަކަށް ކިޔާ މީހެކެވެ. ހެކި ބަސްދެމުން އޭނާ ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 9:30 އިން ފެށިގެން 1:10 ވަންދެން އޭނާ ހުރީ ޖަލަޕީނޯގައި ޝާންއާއެކު ކަމަށެވެ.
ތިން ވަނައަށް ހެކިބަސް ދިން މުހައްމަދު ޝަމްއޫން ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 10:30 އިން ފެށިގެން 1:15 ވަންދެން ހުރީ ޖަލަޕީނޯ ރެސްޓޯރެންޓުގައި ޝާންއާ އިތުރު ބަޔަކާ އެކު ކަމަށެވެ.
"10:30 އިން ފެށިގެން 1:15 ވަންދެން އަޅުގަނޑު އިނީ ޖަލަޕީނޯގައި ޝާންއާއެކު. ޝާންގެ ސައިކަލެއް ނައިސްގެން މަޑުކުރީ،" އޭނާ ބުންޏެވެ.
މިއަދު އެންމެ ފަހުން ހެކިބަސްދިން އަބްދުﷲ ނަސީރު ވެސް ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޝާން އޭނައަށް ފޯނުކުރުމުން 10:45ގައި އެތަނަށް ދިޔަ ކަމަށެވެ. އަދި ކުޑަވަގުތުކޮޅަކު އެތަނުގައި ހޭދަކުރުމަށްފަހު ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު އާއެކު އެތަނުން ނުކުމެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ގާޒީ ވިދާޅުވީ އެ ހަތަރު މީހުންގެ ހެކިބަސް ނަގައި ނިމުމާއެކު އުބައިދުﷲ ސައީދު ފިޔަވައި އެހެން އެންމެންގެ ހެކިބަސް ނަގައި ނިމުނީ ކަމަށެވެ. އަދި އަންނަ ހަފްތާގައި އޭނާގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް ބާއްވާނެ ކަމަށެވެ.
އެ މައްސަލާގައި ޝާންއާ ދެކޮޅަށް ލިބިފައިވާ އެންމެ މީހެއްގެ ހެކި ބަހެވެ. ހެކިބަސް ދެމުން އެ މީހާ ބުނެފައި ވަނީ ހ. ފުންވިލުގޭގެ ސިޑި ކައިރީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނިކޮށް ލޭހޭކިފައި އޮތް ވަޅިއެއް ހިފައިގެން އެ ހަށިގަނޑު ކައިރީ ޝާން ހުއްޓާ ދުށް ކަމަށެވެ. އަދި އެތަނަށް ޝާން ދިޔުމުގެ ކުރިން އޭނަގެ އަމަލުތައް ހުރި ގޮތް ވެސް ތަފްސީލުކޮށް އޭނާ ވަނީ ކިޔައިދީފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމަވައި ވަރަށް އަވަހަކަށް ހުކުމް އިއްވާނެ ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހ. ލޮބީ ހުސައިން ހުމާމު އަހުމަދުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އޭނާގެ މައްޗަށް އިއްވި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.