އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވުމުން، ކުރިއަށް ނުގެންދެވިގެން މެދުކަނޑަލި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރައްވާފައިވަނީ މަޖިލީހުގެ ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅި ފެއްޓެވުމަށް ފަހުގަ އެވެ. ހެނދުނު ދަންފަޅީގައި ލިބޭ ހުސްވަގުތު ކޮޅަށް ފަހު 11:00 ގައި ޖަލްސާ ފެށި ނަމަވެސް ޖޭޕީ އަދި އެމްޑީޕީ މެންބަރުންގެ ނިޒާމީ މައްސަލަތަކުގެ ސަބަބުން ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވީ ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލްގެ މަަސައްކަތް އިގްތިސާދީ ކޮމެޓީގައި ކުރިއަށް ގެންދާ ގޮތާއި ދޭތެރޭ ހިއްހަމަ ނުޖެހިގެންނެވެ.

މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ވެސް އަދި މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް މަޖިލީހުގެ ކޮމެޓީތައް ވެސް އަދި މަޖިލީހުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކާއި މަޖިލީހުގެ ތަޅުމުގައި ސަރުކާރު ހިންގާ ޕީޕީއެމް އަށް މެޖޯރިޓީ އޮތުމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް މަޖިލީހާއި މަޖިލީހުގެ ކޮމެޓީތައް ކުރިއަށް ގެންދެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ގެއްލުންވާ ފަދަ އެއްވެސް ގޮތަކަށް މަޖިލީހާއި މަޖިލީހުގެ ތަޅުމުގައި އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިގްތިސާދީ ކޮމެޓީގައި އިކޮނަމިކް ޒޯންގެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮމެޓީގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ބިލްގައި އިކޮނަމިލް ޒޯންގެ ބިލްގައި ޓެކްސް ނެގުމާއި ޑިއުޓީ ނެގުމަކީ އިޙްތިޔާރީ ކަމެއްގެ ގޮތުައި ޖަހާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރީއްޔާ އުފައްދާ ބޯޑަކީ ގައުމު ވިއްކާލުމަށް ހަދާ ބޯޑެއް ކަަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމެޓީގައި ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ މުއައްސަސާތަކާއި މެންބަރުން ދީފައިވާ ހިޔާލްތަކެއް ބެލުމެއް ނެތި ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކުގެ ނަމުގައި މުޅި ގައުމު ވިއްކާލުމުގެ ބާރުވެރިކަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ބޯޑަކަށް ދީފައި އެ ބޯޑުން ކަނޑައަޅާ މިންވަރަކަށް ގާނޫނުގައި ކޮސްމެޓިކް ފަސް އަހަރު، ދެ އަހަރު ޖަހާފައި ހުރި މުއްދަތުތައް މައާފްވާނެ ކަމަށް ބުނެފައި ހުރި ޑިއުޓީ ނޫނިއްވިއްޔާ ޓެކްސްތައް މާފްކޮށްދޭނެ ކަމަށް ބުނެފަ ހުރި ހުރުން އިހުތިޔާރީ ހާލަތަކަށް ދީފަ ހުރީ،" ގާސިމް ވިދާޅުވި އެވެ.

އިގްތިސާދީ ކޮމެޓީގައި އިންނަވާ އެމްޑީޕީގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ކޮމެޓީ ތަކުގައި ޖެހޭ މައްސަލަ ކޮމެޓީގެ ނިޒާމްގެ ތެރެއިން ހައްލު ނުކުރެވިއްޖެނަމަ އެ މައްސަލަތައް މަޖިލީހުގެ ތަޅުމުން ހައްލުކުރެވެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ކުރިއަށްދަނީ މަޖިލީހުގެ މަސައްކަތް ކަމަށްވާތީ މަޖިލީހުގެ ކޮމެޓީތަކުގައި ޖެހޭ މައްސަލަތަކަށް މަޖިލީހުގެ ރައީސް ހައްލު ހޯއްދަވައި ދެއްވަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ މައްސަލަތަކަށް ރައްދުދެއްވައި ވިލިފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ދިމާވާ މައްސަލަތަކަށް މަޖިލީހުގެ ތަޅުމުގައި ނިޒާމީ މައްސަލަތައް ނަންގަވައި ހެއްދެވުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި ކޮމެޓީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ.