13 Aug 2014, 15:36
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މ. ޒިލިއަންގޭގެ ތެރެއިން ފެނުނު ހިމާޔަތްކޮށްފައިވާ ޖަނާވާރެއް ކަމަށްވާ "ސްލޯ ލޮރިސް" މާދަމާ އިނގިރޭސިވިލާތަށް ފޮނުވާލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ ސްލޯ ލޮރިސް އާ ހަވާލުވީ އިނގިރޭސިވިލާތުގެ "މަންކީ ވޯލްޑް އެޕް ރެސްކިއު ސެންޓަރުން" ކަމަށެވެ. އަދި އެބޭފުޅުން މާދަމާ ސްލޯ ލޮރިސް އިނގިރޭސި ވިލާތަށް ގެންދާނެ ކަމަށެވެ.
ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ 33،000 ޖަނަވާރާއި ދޫނި ސޫފާސޫފީގެ ލިސްޓުގައި ހިމެނޭ ސްލޯ ލޮރިސް ރާއްޖޭން ފެނުމާއި ގުޅިގެން އޭތި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންގޮސްފަ އެވެ. މިހާތަނަށް އެ ޖަނަވާރު ބަލަހައްޓަމުން ގެންދިޔައީ އީޕީއޭގެ ބެލުމުގެ ދަށުން ފުލުހުން ނެވެ.
މުހައްމަދު ޒާހިރު ވިދާޅުވީ ސްލޯ ލޮރިސް ފަދަ އެއްޗެއްސަށް ކާންދީ ބަލަހައްޓައި ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިގައުމުގައި އެފަދަ ތަކެތި ގެންގުޅޭނެ އެކަށީގެންވާ މާހައުލެއް ވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ އެއްޗެއް ގެންގުޅުމަކީ ވަރަށް ބޮޑެތި ހަރަދު ތަކެއް ހިނގާ ކަމެއް ކަމަށާއި އަދި މީހުންގެ ގޮތުން ބެލިޔަސް ރާއްޖެ އޮތީ ތައްޔާރަށް ނޫން ކަމަށެވެ.
"މި ފުރުސަތު މިފަހަރު ސްލޯ ލޮރިސްއަށް ލިބުނަސް މިއީ އާންމުކޮށް ހުރިހާ ބާވަތެއްގެ ޖަނަވާރުތަކަށް ލިބޭނެ ފުރުސަތެއް ނޫން،" މުހައްމަދު ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ އެފަދަ އެއްޗެއް ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ޖަނވާރެއް މަރާލުމަކީ ހިތަށް އަސަރު ކުރާ ކަމެއް ކަމަށާއި އެހެން ކަމުން އެފަދަ އެއްޗެއް ރާއްޖޭން ބޭރަށް ފޮނުވާލުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށެވެ.
މަންކީ ވޯލްޑްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ރާއްޖެ އިން ފެނުނު ސްލޯ ލޮރިސްއަކީ ފިރިހެން އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މަންކީ ވޯލްޑަށް އޭތި ގެންދިއުމުން އެ އެއްޗަށް އޭގެ އަންހެން ބައިވެރިއަކު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސްލޯ ލޮރިސް ގައުމަކަށް އެތެރެ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އިނގިރޭސިވިލާތުން އެ އަށް ހިމާޔަތް ނުދިންނަމަ ދެން އޮންނާނެ ގޮތަކީ އޭތި މަރާލުން ކަމަށެވެ. އޭނާ ވިދާޅުވީ ސްލޯ ލޮރިސް އިނގިރޭސި ވިލާތަށް ގެންދިއުމަށް، މަހެއްހާ ދުވަހު ކުރި މަސައްކަތުން ބްރިޓިޝް އެއާވޭސް އިން އޭތި ގެންގޮސް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭތި ގެންދަނީ ހާއްސަ ޝަރުތު ތަކާއެކު ކަމަށާއި މިއީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް މިގޮތަށް ރާއްޖޭން ގެންދާ ފުރަތަމަ ފަހަރު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ޖެނުއަރީ 20 ވަނަ ދުވަހު ބަލައި ފާސްކުރި ޒިލިއަންގޭގެ ތެރެއިން ސްލޯ ލޮރިސް ފެނުނީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހަދާފައިވާ ގުދަނެއްގެ ތެރޭ ކޮށްޓަކަށްލައި ބަންދުކޮށްފައި ހުއްޓަ އެވެ. މިހާތަނަށް ވެސް އޭތި ރާއްޖެ އެތެރެކޮށްފައި ވަނީ ކިހިނެތް ކޮން ގައުމަކުން ކަމެއް ހާމަ ކޮށްފައެއްނުވެ އެވެ.
ރާއްޖެ ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ ދަށުން ސްލޯ ލޮރިސްއަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އަދި ރާއްޖެއިން ސައިޓީސް މުއާހަދާގައި ބައިވެރިވެފައިވުމުން ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހެ އެވެ.