ޓެލެކޮމިއުނިކޭޝަން ހިދުމަތުގެ އަގުތައް ފާސް ކުރުމާއި އަގު ކޮންޓްރޯލް ކުރުމުގެ ބާރު "ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް"އަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށާފަ އެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ބިލަކީ ޓެލެކޮމިއުނިކޭޝަނާއި ޕޯސްޓާ ގުޅޭ ކަންކަން ރާވައި ހިންގާނެ ގޮތަކާއި އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ނަމުގައި އިދާރާއެއް އުފައްދައި އެތަން ހިންގުމަށްޓަކައި ފަސް މެމްބަރުންގެ ބޯޑެއް އެކުލަވާލަންޖެހެ އެވެ. އަދި ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ އިދާރާ ހިންގަނީ ކޮމިއުނިކޭޝަން ހިދުމަތް ޒިންމާ އުފުލަމުންދާ މިނިސްޓްރީގެ ދަށުންނެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ މަސްކަތުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެ ސިނާއަތުގައި ވާދަވެރި ވެއްޓެއް ގާއިމްކޮށް ކުރިއަރުވައި ތަރައްގީ ކުރުމާއި ޓެލެކޮމިއުނިކޭޝަން ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން ހިމެނޭ ކަމަށް ބިލުގައިވެ އެވެ.

"[ޓެލެކޮމިއުނިކޭޝަން] ހިދުމަތުގެ އަގުތައް ފާސް ކުމާއި އަގު ކޮންޓްރޯލް ކުރުމާއި ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި ހިނގުން،" ކޮމިއުނިކޭޝަންސް އޮތޯރިޓީ ބިލުގައިވެ އެވެ.

ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައަޅައި ނަމްބަރިން ޕްލޭން އާއި އެ ނޫނަސް ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސް ކުރުމާ ބެހޭ އިދާރީ އަދި ފަންނީ ކަންކަން ހިންގައި ބެލެހެއްޓުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް ބިލުގައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ރޭޑިއޯ ފްރިކުއެންސީ ސްޕެކްޓްރަމް ރާވައި ރޭޑިއޯ ކޮމިއުނިކޭޝަން އިކުއުޕްމަންޓާއި ސްޕެކްޓްރަމް ބޭނުން ކުރުމުގެ ލައިސަންސް ދިނުމަކީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޒިންމާއެކެވެ.