13 Aug 2014, 14:41
ސޫރިޔާ އާއި އިރާގުން ބައެއް ކޮންޓްރޯލްކޮށްގެން އުފައްދާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސޫރިޔާގެ ހަލަބް ޕްރޮވިންސްގެ ސަހަރެއްގެ ފެންވަރަށް ތަރައްގީ ނުވާ ހަ ރަށް (ވިލެޖް) ހިފައިފި އެވެ.
ސޫރިޔަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އާ ހަވަލާދީ ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނިއުސް ބުނީ ތުރުކީއާ ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގާ މާ ދުރުނޫން ހިސާބެއްގައިވާ އެ ހަރަށް ހިފުމަށް ފަހު ހަތް ވަނަ ރަށުގައި އައިއެސް އިން މިހާރު ހަނގުރާމަކުރަމުންދާ ކަމަށެވެ. އަދި ބުނީ އެޖަމާއަތުން އެ ރަށްތައް ހިފީ " މެދުމިނުގެ" ހަނގުރާމަވެރި ޖަމާއަތްތައް ބަލިކުރުމަށް ފަހުގައި ކަމަށެވެ.
ސޫރިޔަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ އެރަށްތައް ހިފުމަކީ ސްޓްރެޓެޖިކް ގޮތުން އައިއެސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެއީ ބޮޑު ދެރަށް ކަމަށްވާ އަޒާޒް އާއި މަރީއާ ހިފުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެން ދާނެތީ ކަމަށް ވެސް ބުނެފައި ވެއެވެ.
އައިއެސް އިން ސޫރިޔާގެ ރަށްތަކެއް ހިފާފައި މިވަނީ އިރާގުގައި އެމީހުންނާ ދެކޮޅަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެހަމަލާތަކުން އެޖަމާއަތް ބަލިކަށި ނުވާ ކަމަށް އެމެރިކާއިން އިއްޔެ ބުނެފައި ވަނިކޮށެވެ.
"...އަހަރެމެން ބެލިބެލުމުން އެނގިފައި ވަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގެ ސަބަބުން އިރާގުގެ އުތުރުގައި އައިއެސްއައިއެލް [އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް] އޮޕަރޭޓްކުރާ ދުވެލި މަޑުކުރެވުނު ކަން. އަދި ކުރުދީންގެ ސަރަހައްދީ ވެރިރަށް ހިމެނޭ އިރުބީލް ޕްރޮވިންސާ ދިމާއަށް ކުރިއަރަމުން އައި އައުމަށް ވަގުތީ ގޮތުން ހުރަސް އެޅުނުކަން. އެހެން ނަމަވެސް މިހަމަލާތަކުގެ ސަބަބުން އިރާގުގެ އެހެން ސަރަހައްދުތަކާއި ސޫރިޔާގައި އައިއެސްއައިއެލް އޮޕަރޭޓް ކުރުމުގެ ގާބިލު ކަމަށް ޖުމްލަ ގޮތެއްގައި އަސަރެއް ނުކުރޭ،" އެމެރިކާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ވިލިއަމް މޭވިލީ ޖޫނިއާ ބުނި ކަމަށް ރޮއިޓާސްގެ ހަބަރުގައި އިއްޔެ ލިޔެފައިވެ އެވެ.
ހަމަލާތައް ފެށުމުގެ ކުރިން އެމެރިކާ އިން ބުނެފައި ވަނީ އެ ހަމަލާތަކުގެ ބޭނުމަކީ އައިއެސްގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިރާގުގެ ދީނީ ގޮތުން ބައިމަދު ޔަޒީދީން ހިމާޔަތް ކުރުން ކަމަށެވެ.
އައިއެސް އިން މިހާރު ހިފުމަށް އަމާޒުކޮށްގެން އުޅޭ ކުރުދިސްތާނުގެ ވެރިރަށް އިރުބީލްއަކީ އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ގިނަ މަސްލަހަތުތަކެއް އޮތް ރަށެކެވެ. އެ ރަށުގައި އެމެރިކާގެ 6000 އޮފިޝަލުންނާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބައެއް ތެޔޮ ކުންފުނިތަކުގެ އިސް މީހުން ތިބެ އެވެ.
ކުރުދީންގެ ރީޖަނަލް ސަރުކާރުން އަންނަނީ އިރާގުގެ އެންމެ ގިނައިން ތެޔޮ ހުރި ބައެއް ތެޔޮވަޅުތައް ކޮންޓްރޯލް ކުރަމުންނެވެ. އަދި އިރާގުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް އެމީހުން އަންނަނީ ތުރުކީ އާއި އެމެރިކާގެ ބައެއް ކުންފުނިތަކަށް އަމިއްލައަށް ތެޔޮ ވިއްކަމުންނެވެ.