އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި ފަސް މެމްބަރުންނާއެކު 47 ބޭފުލަކު އެ ކޮމިޝަންގެ އައު ދައުރަށް ކުރިމަތިލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދާއި އެ ކޮމިޝަންގެ އަނެއް ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ވަނީ އެ ކޮމިޝަނަށް ކުރިމަތިލައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވިއިރު އެ ކޮމިޝަނަށް ކުރިމަތިލައްވާފައިވާ 47 ބޭފުޅުންގެ ތެރޭގައި 12 އަންހެން ބޭފުޅަކު ހިމެނިވަޑައިގެންނަވާ ކަމަށެވެ.

އޭސީސީގެ މެންބަރު ކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް އޭސީސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައި ވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އޭސީސީގެ މެމްބަރަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެ އެވެ. އަދި އޭސީސީގެ މެމްބަރަކަށް ކުރިމަތިލާ މީހަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް އޭސީސީގެ ގާނޫނުގައި ބުނެފައިވެ އެވެ.