13 Aug 2014, 14:08
ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑްގެ ޓާގެޓަކީ މިދިޔަ ސީޒަނުގައި ކާމިޔާބު ކުރި ޗެމްޕިއަންސް ލީގު ދިފާއު ކުރުން ކަމަށް އެ ކްލަބުގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފި އެވެ.
ޔޫއެފާ ސުޕާ ކަޕްގައި ރޭ ސެވިއްޔާ އަތުން 2-0 ލަނޑުން މޮޅުވެ، މެޑްރިޑް ވަނީ އެ ތަށި ކާމިޔާބުކޮށްފަ އެވެ. އެ މެޗުގައި މެޑްރިޑުން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެންދިޔައީ އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުންނެވެ.
"މިއީ އަހަރެމެންނަށް ވަރަށް މުހިންމު ދުވަހެއް،" ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުންޏެވެ. "ގިނަ އަހަރުތަކަކަށް ފަހު، މި ޓްރޮފީ ކާމިޔާބުކުރެވުމުން އުފާ ކުރަން. އަހަރެމެންގެ ޓާގެޓަކީ ޗެމްޕިއަންސް ލީގު ތަށި ދިފާއު ކުރުން. އެ ތަށި ދިފާއު ކުރުމަށް އަހަރެމެން ބޭނުންވަނީ އާ ހިތްވަރެއް. ޗެމްޕިއަންސް ލީގަކީ އަހަރެންނަށް ވެސް ހާއްސަ މުބާރާތެއް،"
ރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުނީ ސެވިއްޔާއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗެއް ފަސޭހަ ނޫން ކަމަށާއި އެ ޓީމަކީ އިދިކޮޅު ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވާ ޓީމެއް ކަމަށެވެ.
"ސެވިއްޔާއަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން،" އޭނާ ބުންޏެވެ. "އެ ޓީމަކީ ލަލީގާގައި އަހަރެމެން ދަންނަ ޓީމަކަށް ވިޔަސް، މި ޓްރޮފީއަށް ކުޅޭ އިރު އިތުރު އެ ޓީމުން އިތުރު ހިތްވަރެއް ކުރާނެ. ސުޕާ ކަޕަށް ނުކުތް އިރު، އެމީހުން ތިބީ ވަރުގަދަ އަޒުމެއްގައި. އެހެންކަމުން އުނދަގޫތަކެއް ކުރިމަތިވި."
މިހާތަނަށް ދިހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނަމަވެސް، މެޑްރިޑަށް ޔޫއެފާ ސުޕާ ކަޕް ކާމިޔާބުކުރެވުނީ އެންމެ ދެ އަހަރު އެވެ. އެއީ މިއަހަރުގެ ސުޕާ ކަޕާއި 2002 ވަނަ އަހަރުގެ ސުޕާ ކަޕެވެ.